ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް 38 މައްސަލަ ނިންމައިފި


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމް.އެމް.ޕީ.އާރްސީ) ބޮޑު ޚިޔާނާތާއި ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 38 މައްސަލަ ނިމިފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާ ކުރެވުނު މައްސަލަތަކާއި ބަލަމުންދާ މައްސަލަތަކުގެ ތަފްސީލަކަށް އެދިފައެވެ.

މީކާއިލްގެ ސުވާލާއި ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލައަކީ ކޮމިޝަނުން ތަހުގީގް ކުރާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. މިމައްސަލައިގެ ކޮންމެ ކޭސްއަކަށް ހޭދަކުރަންޖެހޭ ވަގުތުވެސް އެހެން މައްސަލަތަކާއި މާބޮޑަށްވެސް ތަފާތުކަމަށެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި 338 މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނުން ތަހުގީގް ކުރަމުންދާއިރު މިހާތަނަށް 38 މައްސަލަ ތަހުގީގްކޮށް ނިމިފައިވާކަމަށެވެ.

ޝިއުނާ ވިދާޅުވީ މިމައްސަލައިގެ ކޮންމެ ކޭސްއަކަށް މަދުވެގެން 8 މަސް ދުވަސް ހޭދަވާކަމަށާއި ބޭނުންވާ ސްޕީޑުގައި މިމަސައްކަތް ކުރުމަށް މިހާރު އޮތް ދައްޗަކީ އިންވެސްޓިގޭޓިވް އޮފިސަރުންގެ ދަތިކަން ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީގައި އިތުރު 12 އޮފިސަރަކު ހޯދުމަށް އެދިފައިވާ ކަމަށާއި، މިމުވައްޒަފުން ލިބުމުން ކޮމިޝަނުން ބޭނުންވާ ސްޕީޑުގައި މިމައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މިމައްސަލައަކީ ވަކިވަކި މީހުންނާއި، އެސެޓްތަކާއިވެސް ގުޅިފައިވާ ބޮޑު ޚިޔާނާތަކަށްވާއިރު މިމައްސަލަ ތަހްގީގު ކުރުމުގައި ކޮމިޝަނުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާކަމަށެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.