ކުޅިވަރު

ކޯޗުކަމުން ސޯލްޝެއަރ ވަކިކުރުމަށް މަޝްވަރާ ކުރަނީ


އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވެފައިވާއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމާމެދު ކްލަބުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލިވަޕޫލް މެޗުގެ ދަށް ނަތީޖާތަކަށް ފަހު ސޯޝަލް މީޑިއާގައި ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ ސޯލްޝެއާ ވަކިކުރަންޖެހޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ. މެންޗެސްޓާ އިވްނިންނިއުސްއިން ރިޕޯޓްކުރާގޮތުގައި އުމުރުން 48 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރުމާމެދު ކްލަބްގެ ބޯޑުން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ. ސޯލްޝެއާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ޔުނައިޓެޑްގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރީ ލިވަޕޫލް އަތުން 3-1 އިން ބަލިވުމުންނެވެ.

މި ފަހަރު ސޯލްޝެއާ ވަކިކުރަން ޔުނައިޓެޑުން ނިންމައިފިނަމަ އެ ކްލަބްގެ އެންމެ ފަހު ދެ ކޯޗުންނަށް ވެސް ވަޒީފާ ގެއްލުނީ ލިވަޕޫލް މެޗަށް ފަހުއެވެ. އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބެއެވެ. ޔުނައިޓެޑުން މީގެ ކުރިން ސޯލްޝެއާ އަށް އިތުބާރު އޮތް ކަމަށް ބުނެފައިވީ ނަމަވެސް ނަތީޖާތައް ނުކުންނަ ގޮތުން މިހާރު އެ ވިސްނުން އަންނަނީ ބަދަލުވަމުންނެވެ. ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ.

ކްލަބްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ކުޅުމުގެ ކުރިން ސޯލްޝެއާ މަގާމުން ވަކިކުރުމުގެ ފުރުސަތު ބޮޑެވެ.