ޚަބަރު

ސްޓެލްކޯގެ އެހީގައި ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތުކޮށްފި


ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތުކޮށްދިނުމާއި ގުޅިގެން، އިތުރު 28 ޖާގަ އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔައީ، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުކުރުމުގެ މަސައްކަތެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް ނިންމާ ޖެންޑަރ މިނިސްޓްރީއާ އިމާރާތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޢުނީއެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައި،
- އިމާރާތުގެ ފާޚަނަތަކާއި ފްލޯގެ ތަށިމުށި ބަދަލުކުރުން
- ބަދިގެ މަރާމާތުކޮށް ތަށިމުށި ޖެހުމާއި ކަބަޑު ސެޓެއް ހަރުކުރުން
- އިމާރާތްތަކުގައި ރެނދުލާ ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުން
- ކުލަލުމާއި ފަންކާތައް ބަދަލުކުރުން
- ފާޚާނައަށް ބޭނުންވާ ސާމާނާ އިމާރާތަށް ބޭނުންވާ ބައެއް ސާމާނު ހަމަކުރުން

ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ޚަރަދުގެ ގޮތުން ބަލާއިރު މިއީ ކުޑަ އަދަދެއް ނަމަވެސް، މި މަސައްކަތުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ހިނގައްޖެކަމަށެވެ. އަދި މިއީ އަޅާލާނެ ބަޔަކު ނެތި މުޖުތަމަޢުގައި ތިބި އިތުރު މީހުން ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ލިބުނު ފުރުޞަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މަރުކަޒުގައި 199 މީހުން މިހާރުވެސް އެބަތިބި. ޖާގައަށްވުރެ އިތުރަށް މިހާރުވެސް މީހުން ތިބީ. ވެއިޓިން ލިސްޓެއްވެސް އެބައޮތް. ސްޓެލްކޯއިން ކޮށްދިން މަރާމާތާއެކު 28ޖާގަ މި އިތުރުވީ." މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އަބަދުވެސް މަސައްކަތްކުރަނީ، މުޖުތަމަޢުގައި ތިބި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށްކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތައް ދެމުންދާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

"މުޖުތަމަޢުއަށް މިފަދަ އެހީތައް ދިނުމަކީ ކުންފުންޏަށް ލިބޭ އުފަލެއް. ޚާއްސަކޮށް މުޖުތަމައުގައި އެއްފަރާތްވެފަ ތިބޭ މީހުންނަށް ކުންފުނީގެ އެހީ މިދަނީ ދެމުން. ކުރިއަށްއޮތްތާނގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ދޭނަން." މުޣުނީ ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، އުޅޭނެ ތަނެއް އަދި ބަލާނެ ބަޔަކު ނެތް މީހުން ދަޢުލަތުގެ ބެލުމުގެދަށަށް ގެނެސް ބަލަހައްޓަމުންދާ މަރުކަޒެވެ. ގުރައިދޫ މަރުކަޒުގައި ގިނައިން ބަލަހައްޓަމުންދަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ އުމުރުން ދުވަސްވީ މީހުންނެވެ. މަރުކަޒުގައި މީހުން ބަލަހައްޓާތާ 45 އަހަރު ވަނީ ވެފައެވެ.