ވިޔަފާރި

ފަތުރުވެރިކަން ދެމެހެއްޓުމަށް ތަފާތު ޕްރޮޑަކްޓްތައް ތައާރަފްކުރަންޖެހޭ: މައުސޫމް


ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން އިތުރުވެފައިވާ ކަމަށާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ މަޤާމުގައި ރާއްޖެ އޮތުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ޕްރޮޑަކްޓްތައް ތައާރަފްކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާރޓް (އައިއެމްޓީއެމް) ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އައިއެމްޓީއެމްއަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާރއެކެވެ. މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވެއެވެ.

ވަރޗުއަލްކޮށް ބޭއްވި އައިއެމްޓީއެމް ފެއަރ ހުޅުވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން މިގެންނަ ބަދަލުތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންނަށް ދިވެހިންގެ މެޙްމާންދާރީ ތަފާތު މާހައުލަކުން ތަޖުރިބާކުރުުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު ލިބެމުންދާ ކުރިއެރުންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި މިފަދަ ފެއަރތަކާއެކުވެސް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ޤަބޫލްކުރައްވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއަރ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26އިން 28 އަށެވެ.

އައިއެމްޓީއެމް ފެއަރގައި ބީޓުބީ ޙަރަކާތް ކުރިއަށް ދާނެއެވެ. މިއަހަރުގެ އައިއެމްޓީއެމް ފެއަރ އޮންނާނީ ވާޗުއަލް ޕްލެޓްފޯމް އައިއެމްޓީއެމް މެދުވެރިކޮށެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މިދިޔަ އަހަރު ވެސް އައިއެމްޓީއެމް ފެއާ ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފެއާ ބާއްވާ މިއީ 4 ވަނަ އަހަރެވެ. އައިއެމްޓީއެމް އިން ވިދާޅުވީ މި އަހަރުގެ ޙަރަކާތުގައި 20 ގައުމަކުން 100އަށްވުރެ ގިނަ އިންޓަނޭޝަނަލް ފިޔަފާރިތަކުން ބައިވެރިވާނެ ކަމަށް ލަފާކުރާ ކަމަށެވެ. މީގެއިތުރުން 400 އަށްވުރެ ގިނަ ޓްރޭޑް ވިޒިޓަރުން މި އިވެންޓަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރާ ކަމަށްވެސް އައިއެމްޓީއެމްއިން ވިދާޅުވެއެވެ.