ޚަބަރު

ކޯވިޑްގައި ރާއްޖެއިން އިތުރު މަރެއް؛ ޖުމްލަ މަރު 241އަށް


ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ ރޭ 12:10 ހާއިރު ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާއަކީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 241 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ މީހަކު ނިޔާވެފައެވެ.

އައްޑޫގައި ކޯވިޑްގެ ޙާލަތު ގޯސްވެ އެސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ދެރަށްވެސް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ. ކޯވިޑަށް ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްވަރެއްގައި މިހާރު ވަނީ ހިފެހެއްޓިފައެވެ. އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުނަށާއި ދިފާޢީ ނިޒާމު އެކި ސަބަބުތަކަށްޓަކައި ދަށް މީހުން އިތުރު ބޫސްޓަރ ޝޮޓެއެއް ޖެހުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.