ޚަބަރު

މިއަހަރުގެ މިހާތަނަށް އެންމެބޮޑު ޚަރަދެއްކުރީ ބަނދަރު ހެދުމަށް


މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އެންމެބޮޑު ޚަރަދެއްކޮށްފައިވަނީ ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ކަނޑައަޅާފައި ވަނީ 8.4 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ތަރައްޤީގެ އެކި މަޝްރޫއުތަކަށް ސަރުކާރުން މިއަހަރުގެ މިހާތަނަށް ކުރި ޚަރަދު މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު މަދެވެ.

މިގޮތުން މިއަހަރު ސަރުކާރުން ޚަރަދުކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރުން ވަނީ 3.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއާއެކު މިއަހަރު ސަރުކާރުން ޕީއެސްއައިޕީއަށް ކުރި ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާމަދެވެ.

މިމަހުގެ 14ވަނަ ދުވަހާ ހަމަޔަށް އެކުލަވާލާފައިހުރި ތަފާސްހިސާބުތަކަށް ބަލާއިރު މި މުއްދަތުގައި އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ރަށްރަށުގެ ބަދަރުތައް ހެދުމަށާއި މަރާމާތުކުރުމަށެވެ. ނަމަވެސް މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.

ބަނދަރުގެ އެކި މަޝްރޫއުތަކަށް މިއަހަރު ސަރުކާރުން ވަނީ 452.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރު މިފަދަ މަޝްރޫއުތަކަށް ޚަރަދުކޮށްފައި ވަނީ 396.2 މިލިއަން ރުފިޔާއެވެ. ދަތުރުފަތުރުގެ އެހެނިހެން ކަންކަމަށް ބަލާލާއިރު މިއަހަރުގެ މިހާތަނަށް ބްރިޖްގެ މަޝްރޫޢޫއަށް ވަނީ 294.9 މިލިޔަން ރުފިޔާ ޚަރަދުކޮފައެވެ. އަދި އެއަރޕޯޓްތަކަށް 97.8 މިލިޔަން ރުފިޔާ މިއހަރުގެ މިހާތަނަށް ޕީއެސްއައިޕީ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ.

މިދިޔަ އަހަރު ބިން ހިއްކުމަށް 753.3 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. މިއަހަރުގެ މިހާތަނަށް މިކަމަށް ޚަރަދުކޮށްފައި ވަނީ 100 މިލިއަން ރުފިޔާއެވެ. ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ބަލާއިރު ޕީއެސްއައިޕީ ބަޖެޓުން 444.6 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ. އަދި ސިއްހީ އިޖުތިމާއީ އެކި ކަންކަމަށް 440.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން މަގު ހެދުމުގެ މަޝްރޫއުތަކަށް ޚަރަދުކޮށްފައި ވަނީ 245.5 މިލިއަން ރުފިޔާއެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވަނީ 163.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ އިތުރުން މިއހަރުގެ މީހަތަނަށް ކުނި މެނޭޖްކުރުމުގެ މަޝްރޫއުތަކަށް 66.4 މިލިޔަން ރުފިޔާ ވަނީ ސަރުކާރުން ޚަރަދުކޮށްފައެވެ.

ލޯނު އަނބުރާ ދެއްކުމަށް މިއަހަރު 840.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އަހަރުގެ މިހާތަނަށް ސަރުކާރުން 22.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއަހަރު އާމްދަނީގެ ގޮތުގައި މިހާތަނަށް ސަރުކާރަށް ލިބިފައި ވަނީ 15.2 ބިލިއަން ރުފިޔާއެވެ.