ދުނިޔޭގެ ވިޔަފާރި

2060ވަނަ އަހަރު އަންނަންވާއިރަށް ސަޢުދީ، ނެޓު ޒީރޯއަށް


2060ވަނަ އަހަރު އަންނަންވާއިރަށް ސަޢުދީ ޢަރަބީއްޔާއިން، ނެޓް ޒީރޯއަށް ވާސިލްވާނެކަމަށް އެޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ވެރިކަމުގެ ކަންކަން ޢަމަލީގޮތުން ހިންގެވުމާ މިހާރު ޙަވާލުވެހުންނެވި މުޙައްމަދު ބިން ސަލްމާން ވިދާޅުވީ، މިލަނޑުދަނޑި އެޤައުމުން ޙާސިލު ކުރުމަށް 180 ބިލިއަން ޑޮލަރު ޚަރަދު ކުރާނެކަމަށެވެ. ސައުދީގެ މިނިންމުން އައިސްފައި މިވަނީ ކޮޕް 26 ބައްދަލުވުމަށް ދުވަސް ކުޑަ ވެފައިވަނިކޮށެވެ.

ސައުދި އަރަބީއްޔާގެ އެނާޖީ މިނިސްޓަރ ޢަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ، ސައުދީން މިލަނޑުދަނޑި ޙާސިލްކުރުމަށް ބޭނުން ކުރާނީ ކާބަން ކެޕްޗަރ ނިޒާމެއް ކަމަށެވެ. އަދި އެތަށް ބިލިއަން ގަހެއް އިންދުމަށް އެޤައުމުން ނިންމާފައިވާކަން ސައުދީންވަނީ ހާމަކޮށްފައެވެ.

ނިސްބަރުން 10ވަނައަށް، ދުނިޔޭގެ ޖައްވަށް އެންމެ ގިނަ ކާބަން ބޭރު ކުރާ ޤައުމަކީ ސައުދީއެވެ. ސައުދީގެ އިޤްތިޞާދަކީ ތެލުގެ ވިޔަފާރިއަށް ވަރަށްބޮޑަށް ބަރޯސާވާ އިޤްތިޞާދެކެވެ. ދާދިފަހަކާ ޖެހެންދެންވެސް އެޤައުމުން ދިޔައީ ނެޓު ޒީރޯ ކުރުމުގެ ސިޔާސަތަށް ތާޢީދު ކުރުމާ ދެކޮޅުހަދަމުންނެވެ.

މިމަހުގެ 31ވަނަ ދުވަހު ފެށުމަށް ހަމެޖެހިފައިވާ ކޮޕް 26 ސަމިޓުގައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އދ.ގައި ވަކާލާތު ކުރުން މަދު ކުރުމަށް ސައުދީން އެދޭކަމަށް ދޭހަވާ ލިއެކިއުންތަކެއް ވެސް ވަނީ ޢާންމުވެފައެވެ.

ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން ނެޓު ޒީރޯ ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާއިރު، މި ލަނޑުދަނޑިތަށް ހާސިލު ކުރުމަށް ބުނާ މުއްދަތު ދިގުކަމަށް ދިވެހި ރާއްޖެ ފަދަ ނާޒުކު ތިމާވެށި އޮންނަ ޤައުމުތަކުން ދަނީ ބުނަމުންނެވެ.

ސަޢުދީގެ މިނިންމުމާއެކު އެޤައުމު މިހާރު ހިމެނެނީ ދުނިޔޭގައި ނެޓް ޒީރޯ ކުރާނެ ކަމަށް ބުނެފައިވާ 100 ޤައުމުތެރޭގައެވެ. ސައުދީ ޗައިނާ އަދި ރަޝިއާއިން މި ލަނޑުދަނޑި ހާސިލު ކުރުމަށް ނިންމާފައިވަނީ 2060 ވަނަ އަހަރު ކަމުގައިވީނަމަވެސް، 2050 ވަނަ އަހަރު މި ލަނޑުދަނޑި އެމެރިކާ އާއި އެމިރޭޓްސް ފަދަ ޤައުމުތަކުން ވަނީ ނިންމާފައެވެ.