ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑު ލަދުގަންނުވާލައި ލިވަރޕޫލް ތާވަލްގެ ދެވަނައަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ވާދަވެރި ދެޓީމް ކަމަށްވާ ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 5 ލަނޑު ސުންލަނޑުންނެވެ.

ޕްރިމިއަރ ލީގުގައި އެންމެ ކާމިޔާބު ދެޓީމްގެ އިތުރުން ދުވަސްވީ ދެ ވާދަވެރިން ކަމަށްވާ މިދެޓީމްގެ މިކުރިމަތިލުމުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ހެޓްރިކް ހަދާފައެވެ. އަދި މެޗްގެ 5 ވަނަ މިނެޓްގައި ނެބީ ކެއިޓާ ކާމިޔާބުކުރި ލަނޑު ޖެހުމަށްވެސް ސަލާހް ވަނީ އެހީތެރިވެދީފައެވެ. ރޭގެ މިމެޗް ކުޅެފައިމިވަނީ ޔުނައިޓެޑް ސިޓީއަތުން 6 ލަނޑު އެއް ލަނޑުން ބަލިވިތާ 10 އަހަރާއި އެއްދުވަސް ފަހުންނެވެ. އަދި މިމެޗްގައި ލިވަޕޫލާއި ޔުނައިޓެޑްގެ ދެމެދުގައި ހުރި ތަފާތު ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހައިދިނީ ޑިއޮގޯ ޖޮޓާއެވެ.

މިމެޗްގައި ސަލާހް ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހައިދިން އިރު ދެވަނަ ލަނޑު ޖަހައިފައިވަނީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. މިލަނޑާއެކު ލިވަޕޫލުން ފުރަތަމަ ހާފް ނިންމާލީ 4 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑުން އެޓީމްގެ ކުޅުން ރަނގަޅު ކުރުމުގެ ގޮތަކުން ޕޯލް ޕޮގްބާ އެރުވި ނަމަވެސް ސަލާހް ހުއްޓުވޭގޮތެއް ނުވިއެވެ. މިގޮތުން މެޗްގެ 50 ވަނަ މިނެޓްގައި ސަލާހް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި ޕޮގްބާ އަރުވަން ޔުނައިޓެޑްގެ ކޯޗް އޮލޭގަނަރ ސޯލްޝެއަރ ނިންނި ނިންމުން ގޯސްވީ މެޗްގެ 60 ވަނަ މިނެޓްގައި ކެއިޓާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތްކާޑު ދެއްކުމުންނެވެ. ޕޮގްބާގެ މިފައުލާއި ގުޅިގެން ކެއިޓާ ދަނޑު ބާލަން ޖެހުނީ އަށިގަނޑުގައެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 9 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ޔުނައިޓެޑްވަނީ މި ނާކާމިޔާބީއާއެކު 9 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައަށް ވެއްޓިފައެވެ. އަދި މިއާއެކު ޔުނައިޓެޑްގެ ކޯޗް ސޯލްޝާއަށް އޮތް ޕްރެޝަރު އަނެއްކާވެސް މިވަނީ އިތުރު ވާން ފަށާފައެވެ. އަދި ބައެއް ފަރާތްކުން އަންނަނީ ސޯލްޝާ މަގާމުން ދުރުކުރުމަށްވެސް ގޮވާލަމުންނެވެ.