ޚަބަރު

އުކުޅަހު ބިން ހިއްކުމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށަނީ


އއ.އުކުޅަހުގެ ބަނދަރުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖެނުއަރީމަހު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އުކުޅަހު ބިންހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގައެވެ.

އއ.އުކުޅަހަކީ ރަށުގެ ބިން ފުރި، ބޯހިޔާވަހިކަމާއި އިޤްތިޞާދީގޮތުންވެސް ރަށަށް ލިބެންވާ ކުރިއެރުމަށް ހުރަސްއެޅިފައި އޮތް ރަށެކެވެ. 21 ހެކްޓަރުގެ އުކުޅަހުގެ އާބާދީ 1200އަށް އަރައެވެ.

އުކުޅަހުގެ އެންމެބޮޑު މައްސަލައަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އުކުޅަހުން ގޯތި ދޫނުކުރާތާ މިހާރު ގާތްގަނޑަކަށް ތިރީހަކަށް އަހަރުވަނީ ވެފައެވެ. މިކަމާގުޅިގެން އެއް ގެއެއްގެ ތެރޭގައި ގިނަ ޢާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށާއި އަދި ރަށުން އިތުރަށް ގޯތި ދޫނުކުރެވި ވަނީ ބިން ނެތުމުގެ ސަބަބުންކަމަށް ރަށު ކައުންސިލުން ފާހަގަކުރައްވައެވެ. އުކުޅަހަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ އެރަށުން 10 ހެކްޓަރު ހިއްކުމަށް ހަމަޖައްސަވާފައެވެ. ބިން ހިއްކުމަށް އެމްޓީސީސީއާ ޙަވާލުކޮށްފަވަނީ 71 މިލިއަން ރުފިޔާއަށެވެ.

އުކުޅަހު ބިންހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އުކުޅަހު ބިންހިއްކުމުގެ މަޝްރޫއު ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. މިގޮތުން މަޝްރޫއު ފެށުމުގެކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ މަސައްކަތް ނިންމާލަފައިވާކަމަށް އާޒިމް ވިދާޅިއެވެ. އޭނާ ވިދަޅުވީ މިމަޝްރޫއުގެ ދަށުން ހިއްކަން ފެށުމުގެ ކުރިން އެންމެ ފުރިހަމަ، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އާޒިމް ވިދާޅުވީ އެރަށުން 10 ހެކްޓަރުގެ ބިން ހިއްކުމަށް ޙަވާލުކޮށްފައި ވީނަމަވެސް ރަށުގެ ހިއްކާ ސަރަޙައްދަކީ ތިލަ ސަރަޙައްދެއްކަމުން ހިއްކާ ބައި އިތުރުވެދާނެކަމަށެވެ. އަދި ބަނދަރުގެ މަސައްކަތް ނިންމުމަށްފަހު ޖެނުއަރީ މަހު ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ނިންމައފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ހިއްކަން ފެށުމުގެ ކުރިއަށް ޕްރޮޓެކްޝަންގެ މަސައްކަތްތައް ފަށައިގަތުމަށް ވަނީ ނިންމާފަ. އޭރުން ހިއްކަން ރެޑީވާން ވާއިރަށް ޕްރޮޓެކްޝަންގެ މަސައްކަތުގެ ބޮޑުބައެއް އޮންނާނީ ނިމިފައި. ގަސްތުކުރަނީ އުކުޅަހުގައި ހަވާލުކޮށްފައިވާ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން." އާޒިމް ވިދާޅުވިއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫޢުކަމަށެވެ. ހިއްކާ ބިން އެންމެ ފުރަތަމަ ދޫކުރުމަށްހަމަޖެހިފައިވަނީ ގޯތި ނެތް މީހުންނަށް ގެދޮރުއެޅުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ޝައުކަތު ވިދާޅުވީ ހިއްކާ ބިމުން ވިޔަފާރިތަކަށާއި އެހެނިހެން މަސައްކަތްތަކަށްވެސް ޖާގަ ދޫކުރާނެކަމަށެވެ.

އުކުޅަހުގައި މިވަގުތުވެސް ރަށުގައި އަމިއްލަ ގޯއްޗެއް ބޭނުންވާ 200އަށްވުރެ ގިނަ ޢާއިލާ އެބަތިއްބެވެ. އެރަށުގައި މިވަގުތު 258 ގޭގައި މީހުން ދިރިއުޅެއެވެ. ނަމަވެސް އެއް ގެއެއްގެ ތެރޭގައި އެތައް އާއިލާތައް ދިރިއުޅެމުން އާދެއެވެ.

އެރަށަކީ ރަށު ފަތުރުވެރިކަމުގަވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަވާ ރަށެކެވެ. 30 އަށްވުރެ ގިނަ ގެސްޓްހައުސް ރަށުގަ ހިންގަމުން އަންނައިރު، ރަށުގެ އާއިލާތަކަށް ބޮޑު އާމްދަނީއެއްވެސް ލިބެނީ މި މަސައްކަތުންނެވެ. ނަމަވެސް ބިމުގެ ދަތިކަމުގެ ސަބަބުން ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްވެސް އެރަށަށް ވަނީ ހުރަސްއެޅިފައެވެ.