ވިޔަފާރި

އިޓަލީގެ ނިއޮސް އެއަރގެ ދަތުރުތަށް އަލުން ރާއްޖެއަށް ފަށައިފި


އިޓަލީގެ ނިއޮސް އެއަރގެ ދަތުރުތަށް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ނިއޮސް އެއަރއިން ރާއްޖެއަށް ދަތުރުތަށް ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ މިލާން އާއި ރޯމް އިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، ހޯމަ އަދި އަންގާރަދުވަހު ނިއޮސް އެއަރއިން ރާއްޖެއަށް ދަތުރުތަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ނިއޮސް އެއަރއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވައިޑް ބޮޑީ، 350 ސީޓުގެ މަތިންދާ ބޯޓެކެވެ.

ނިއޮސް އެއަރއިންވަނީ ކޯވިޑުގެ ކުރިންވެސް ރާއްޖެއަށް ދަތުރުތަށް ބާއްވާފައެވެ. އެ އެއަރލައިނުން ރާއްޖެއަށް ބާއްވަމުން އައި ދަތުރުތަށް މެދުކަނޑާލީ ކޯވިޑާއި ގުޅިގެން ދަތުރުފަތުރުކުރުމަށް ހުރި ހުރަސްތަކާއި ގުޅިގެންނެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމެކެވެ. ކޯވިޑުގެ ކުރިން 2019ވަނަ އަހަރު އިޓަލީން ރާއްޖެއަށް 136343 ފަތުރުވެރިން އައިސްފައިވެއެވެ. މިއާއެކު އެޤައުމަކީ އެއަހަރުތެރޭ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.

އެހެން ނަމަވެސް ކޯވިޑާ ގުޅިގެން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.