ޚަބަރު

އެއާރޕޯޓުގެ ޓާރމިނަލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ


އިބްރާހިމް ނާސިރު
އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން،
އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓާރމިނަލާއި، ޑޮމެސްޓިކް ޓާރމިނަލަށް ބޮޑެތި
ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީން ހާމަކުރައްވައިފިއެވެ. 

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު
ރަނގަޅުކުރުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމް.އޭ.ސީ.އެލުން ދަނީ
ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީކުރުމަށް
ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރޫޢުގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ
އިންޓަރނޭޝަނަލް ޓަރމިނަލާއި، ޑޮމެސްޓިކް ޓަރމިނަލަށް ބޮޑެތި ބަދަލުތަކެއް
ގެންނެއުމުގެ މަސައްކަތް އެމް.އޭ.ސީ.އެލްގެ ފަރާތުން ދަނީ ކުރައްވަމުންނެވެ.



މި ބަދަލުތަކާއި ގުޅޭގޮތުން
ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސަ ވިދާޅުވީ،
އިންޓަރނޭޝަނަލް ޓާމިނަލްގެ އިންޓީރިއާ ޑިޒައިންނިންގއަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް
ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އިތުރު ޗެކްއިން ކައުންޓަރުތައް ބެހެއްޓުމާއި،
ޗެކިންގައި މިހާރު ބޭނުންކުރާ އެކްސްރޭ މެޝިންތައް އިންލައިން ޗެކިންގ ސިސްޓަމްތަކަށް
ބަދަލުކުރެވިގެންދާނެކަމަށް އާދިލް ވިދާޅުވިއެވެ. އަދި ޑޮމެސްޓިކް ޓާރމިނަލް
މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސް ތެރޭ
ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.



މީގެ އިތުރުން އާދިލް ވިދާޅުވީ،
އެއަރޕޯޓުން ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، 10 މިލިއަން
ޑޮލަރާއި ގާތްކުރާ އަދަދަތަކަށް ގްރައުންޓް ހޭންޑްލިންގ އިކުއިޕްމަންޓްސްއަށް
މިހާރުވެސް އޯޑަރު ކުރައްވާފައިވާކަމަށެވެ. އަދި މިތަކެތި މިއަންނަ އަހަރުގެ
ކުރީކޮޅު ރާއްޖެގެނެވި، އެއަރޕޯޓުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރެވޭ ވަރު
ވާނެކަމަށެވެ.



އެއަރޕޯޓު ތަރައްޤީކުރުމަށް
އެމް.އޭ.ސީ.އެލުން ހިންގާ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް ޓަރމިނަލް އަޕްގްރޭޑް
ކުރުމުގެ މަސައްކަތަށް އެކަނިވެސް 20 މިލިއަނާއި 50 މިލިއަނާއި ގާތްކުރާ
އަދަދަކަށް ރުފިޔާ ޚަރަދުވާނެކަމަށް އެމް.އޭ.ސީ.އެލުން ހާމަކުރައްވައެވެ. އަދި
ޑޮމެސްޓިކް ޓަރމިނަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 2 މިލިއަނާއި 3 މިލިއަން
ރުފިޔާއާއި ގާތްކުރާ އަދަދަތަކަށް ޚަރަދުވާނެކަމަށްވެސް އެކުންފުނިން
މަޢުލޫމާތުދެއްވައެވެ.