ޚަބަރު

އިހަވަންދޫގައި ބާއްވާ ޖަމްއިއްޔާތަކުގެ މަހާސިންތާ ފެށިއްޖެ



ހއ، ހދ އަދި ށ އަތޮޅުގެ ޖަމްޢިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ޔޫތު މިނިސްޓްރީން ބާއްވާ މަހާސިންތާއެއް ހއ.އިހަވަންދޫގައި ފެށިއްޖެއެވެ. މި މަހާ ސިންތާ ރަސްމީކޮށް ފައްޓަވާ ދެއްވީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ޝިފާޢު. މި މަހާސިންތާގައި ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންވެސް ބައިވެރިވެއެވެ.

މިތިން އަތޮޅުގެ ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލުމުން 30 ޖަމްޢިއްޔާކުން 35 މީހުން މި މިހާސިންތާގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން އެހެން އަތޮޅުތަކުގެ މަދަނީ ޖަމްޢިއްޔާތަކަށްވެސް އޮންލައިންކޮން ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. ޖުމްލަ 11 ފަރާތަކުން ސެޝަންތައް ނަންގަވައި ދެއްވާ މިމަހާސިންތާގައި ބައިވެރިންނަށްވެސް ކަމާގުޅުންހުރި ދާއިރާތަކުން ކަރުދާސް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

މި މަހާސިންތާގެ މަޤްސަދަކީ ހަރުދަނާ މަދަނީ މުޖުތަމަޢައް ބިނާކޮށް، ފަހި ވެއްޓެއް ޤާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ޤައުމީ ތަރައްޤީއާއި، ހެޔޮވެރިކަން އަދި އިޖުތިމާޢީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްޢިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ޖަމްޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުން ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޔޫތު މިނިސްޓްރީން މިމަހާސިންތާ ކުރިޔަށް ގެންދަނީ ހއ.، ހދ. އަދި ށ. އަތޮޅުގެ އަތޮޅު ކައުންސިލްތަކާއި، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އާއި، ޔޫ.އެން.ޑީ.ޕީ، އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އުރީދޫ، ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.

މިމަހާސިންތާ ހިނގަމުންދާ ދުވަސް ދުވަހު މުޖުތަމަޢުގެ އެކިއެކި ފަރާތްތަކަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ، ލީޑަރޝަޕް ޓްރޭނިންތައްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމްގެ ދަށުން ހަށިހެޔޮ ދުޅަހެޔޮ ސެޝަންތަކެއް، ހއ، ހދ، ށ،ގެ ސްޕޯޓްސް ކައުންސިލަރުންނާއި، ސްޕޯޓްސް ކައުންސިލަރުން ނެތް ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމަބްރުންނަށް އަމާޒުކޮށްގެން، ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާގެ ހެނދުނުގެ ސެޝަންތައް ފެށަނީ މޫދު ކަސްރަތު ކުލާސްތަކަކުންނެވެ.

ޔޫތު މިނިސްޓްރީން އިހަވަންދޫގައި ކުރިޔަށްގެންދާ މި މަހާސިންތާ މިމަހުގެ 28 ނިޔަލަށް ކުރިއަށްދާނެއެވެ.