ޚަބަރު

އިތުރު 99 މީހުން ކޯވިޑަށް ޕޮޒިޓިވް، ރަނގަޅުވީ 88 މީހުން


ރާއްޖެއިން އިތުރު 92 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 88 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 92 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 60 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހަކުވެސް ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86،922 އަށް އަރާފައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1524 އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 19 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 88 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،145 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،710 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 240 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.