ވިޔަފާރި

46 ޤައުމެއްގެ މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ތައިލޭންޑުން ލުއިދީފި


އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން 46 ޤައުމެއްގެ މީހުންނަށް ކަރަންޓީންވުމަކާއި ނުލައި ތައިލެންޑަށް އެތެރެވެވޭނެ ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ކަރަންޓީންވުމަކާއި ނުލައި ތައިލެންޑަށް އެތެރެވެވޭ ޤައުމުތަކުގެ ލިސްޓުގައި ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސައުދީ އަރަބިއްޔާ ފަދަ ޤައުމުތަށް ހިމެނެއެވެ. މިލިސްޓުގައި ރާއްޖެ ނުހިމެނެއެވެ. މި ލިސްޓުގައި ހިމެނޭ ޤައުމުތަކުގެ މީހުންގެ ތެރެއިން ތައިލެންޑަށް އެތެރެވެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

ތައިލެންޑް ސަރުކާރުން ހާމަކުރާ ގޮތުގައި މި ލިސްޓުގައި ހިމަނާފައިވަނީ ކޯވިޑްގެ ބަލިމަޑުކަން މިހާރު އެންމެ ބޮޑަށް ކޮންޓްރޯލްވެފައިވާ ޤައުމުތަކެވެ. މިޤައުމުތަކުން ތައިލެންޑަށް އެތެރެވާ ފަރާތްތައްވެސް އެޤައުމަށް އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓެއް ހަދަންޖެހެއެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން ސަރުކާރުން ކަނޑައަޅާ ހޮޓަލެއްގައި މަޑުކުރަންޖެހެއެވެ.

ތައިލެންޑުގައި ކޯވިޑްގެ ނަމްބަރުތައް ދަށަށް ދާން ފަށާފައިވާއިރު، އެޤައުމުންވަނީ މިމަހުގެ 31ވަނަ ދުވަހުން ފެށިގެން 17 ޕްރޮވިންސެއްގައި އިއުލާންކޮށްފައި އޮތް ކާފިއުގެ ހާލަތު އުވާލުމަށްވެސް ނިންމާފައެވެ. އެގޮތުން ކާފިއު އުވާލުމަށް ނިންމާފައިވާ ސަރަޙައްދުތަކުގެތެރޭގައި ބެންކޮކްވެސް ހިމެނެއެވެ.

މިލިސްޓަށް އަންނަ ޑިސެމްބަރުމަހު އިތުރު ޤައުމުތައް އިތުރުކުރުމަށް ހަމަޖެހިފައިވާއިރު، ޖެނުއަރީއާއި ހަމައަށް ގިނަ ޤައުމުތައް މި ލިސްޓަށް އިތުރު ކުރެވޭނެކަމަށް ތައިލޭންޑު ސަރުކާރުން ހާމަކުރެއެވެ.

ތައިލޭންޑުގައި ކޯވިޑް ފެތުރޭ މިންވަރު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ކޭސް ދުވާލެއްގެ މައްޗަށް ފެންނަމުން ދިޔައިރު، މިހާރު މި އަދަދު 9000 އަށް މިވަނީ ތިރިވެފައެވެ.

ކޯވިޑުގެ ކުރީން 2019 ވަނަ އަހަރު 40 މިލިއަން ފަތުރުވެރިން އެޤައުމަށް ޒިޔާރަތް ކުރިއެވެ. ނަމަވެސް 2020 ވަނަ އަހަރު މިއަދަދު 6.7 މިލިއަނަށް ވަނީ ވެއްޓިފައެވެ. ފަތުރުވެރިކަމަކީ ތައިލޭންޑަށް 5 ވަނައަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާޢަތެވެ.