ޚަބަރު

މާފުށީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލައިފި


ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ. މިމަސައްކަތް އެމްޓީސީސީން ނިންމާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެއެވެ.

އާބާދީގައި ދެހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކ.މާފުއްޓަކީ، އެރަށުގައި ފުޅާ ދާއިރާއެއްގައި ހިންގާ ފަތުރުވެރިކަމުގެ ވިޔަފާރިއާއެކު ރަށުން ބޭރުގެ އެތައްބަޔަކުވެސް ދިރިއުޅޭ ރަށެކެވެ. އެގޮތުން ފަސް ހާހަށްވުރެ މީހުން އެރަށުގައި އުޅެއެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާ އެއްރަށެވެ. އަދި އެރަށުގައި މި ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީވެސް ބިމުގެ ޖާގައިގެ ދަތިކަމެވެ.

މާފުށީގެ ބިން ފުރި ގޯތި ދޫކުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން އެރަށުގެ ބިން ހިއްކައިދިނުމަށް އެރަށުގެ ރައްޔިތުންވަނީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ދަންނަވާފައެވެ. އެހެންނަމަވެސް އެއްވެސް ސަރުކާރަކުން މިކަމަށް މާ އެދެވޭ އިޖާބައެއް ދެއްވާފައެއް ނުވެއެވެ. ރައްޔިތުންގެ މި ހުވަފެން ހަޤީގަތަކަށް ހަދައިދީ ސަރުކާރުން ވަނީ އެ ރަށުގައި 25 ހެކްޓަރުގެ ބިން ހިއްކައިދީފައެވެ. އަދި މިސަރަޙައްދު ޙިމާޔަތްކުރުމަށް 1100 މީޓަރުގެ ސަރަޙައްދެއްގައިވަނީ ރިވެޓްމަންޓް ޖަހާފައެވެ.

ބިން ހިއްކުމާއެކު އެރަށުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. މިމަޝްރޫޢަށް 118.07 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.