ވިޔަފާރި

ފްރާންސްގެ އަންހެން ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޚާއްސަ މަސައްކަތެއް

ފްރާންސްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެ ޤައުމުގެ މަޝްހޫރު ހައި އެންޑް ލައިފްސްޓައިލް މަޖައްލާ، "މެޑަމް ފިގާރޯ" އާއެކު ވިޒިޓް މޯލްޑިވްސް އިން ޚާއްސަ މީޑިއާ ކެންޕެއިނެއް ފަށައިފިއެވެ. މެޑަމް ފިގާރޯއަކީ އަންހެނުންނަށް ޚާއްސަކޮށް ހިންގާ އެންމެ މަޝްހޫރު އަދި މަތީ ފަންތީގެ ލައިފް ސްޓައިލް މަޖައްލާ އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެންޕެއިންގެ އެންމެ ބޮޑު އެއް މަގުސަދަކީ ފްރާންސްގެ ބޯޑަރު އަލުން ހުޅުވާލާއިރު، އެ ގައުމުގެ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުންކަމަށެވެ.

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް މި ކެންޕެއިންގެ ދަށުން މެޑަމް ފިގާރޯގައި ޚާއްސަ އެޑިޓޯރިއަލް ލިއުމެއް ޝާއިއުކުރެވޭނެ އެވެ. މި ލިޔުމުގައި ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުވެފައިވާ މަންޒިލެއްކަމަށާއި، ރާއްޖޭއިން ފަތުރުވެރިންނަށް ތަޖުރިބާ ކުރެވޭނެ ތަފާތު ކަންތައްތައް ފާހަގަކޮށްލެވޭނެއެވެ.

މެޑަމް ފިގާރޯގައި ޝާއިއުކުރާ އެޑިޓޯރިއަލް ލިއުމުގެ އިތުރުން، މި ކެންޕެއިންގެ ތެރެއިން، ރާއްޖޭގެ ގުދުރަތީ ގޮތުން މުއްސަދި، ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް އިޝްތިހާރުކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ކެންޕެއިން މެދުވެރިކޮށް އުފައްދާ ކޮންޓެންޓް، ނިއުސްލެޓަރގެ ގޮތުގައި ތަފާތު އޯޑިއަންސްތަކަށް ފޯރުކޮށްދޭނެ އެވެ. މެޑަމް ފިގާރޯގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށްވެސް އެތައް މިލިއަން ފަތުރުވެރިންނަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެން ދާނެއެވެ.

މެޑަލް ފިގާރޯ މަޖައްލާއަށް މަހަކު 6.1 މިލިއަން ވިއަސް ލިބޭއިރު، މި ބްރޭންޑްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ފޮލޯވާސް 2 މިލިއަނާ ގާތްކުރެއެވެ. މިފަދަ މަޖައްލާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަކީ ފްރާންސްގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ފްރާންސްއިން ރާއްޖެއަށް 17,031 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ފްރާންސް އަކީ މި އަހަރު 10 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓްއެވެ.