ވިޔަފާރި

ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރ ރާއްޖެ އަތުވެއްޖެ


އިޝްތިހާރުކުރުމުގެ ދަތުރެއްގައި މޯލްޑިވްސް ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރ ހޯޒޭ އެންރީކޭ ރާއްޖެ އަތުވެއްޖެއެވެ. ހޯޒޭ އެންރީކޭއަކީ ބޯޑަރ މައިލްސްގެ ފުރަތަމަ އެންބެސެޑަރއެވެ.

ހޯޒޭ އެންރީކޭ ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރ އަކަށް ހަމަޖައްސަފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމަށްފަހު މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޯޒޭއަށް ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އިސްވެރިން ވަނީ މަރުހަބާ ކިޔާފައެވެ.

މޯލްޑިވްސް ބޯޑަރ މައިލްސްއިން ބުނީ މި ދަތުރުގައި ހޯޒޭ އެންރީކޭ ބޯޑަރ މައިލްސް ޓީމާއިއެކު ވަރަށް ގާތުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގައި ބައިވެރިވާނެކަމަށެވެ. އެގޮތުން އޭނާއަށް ރާއްޖެއިން ކުރެވޭ ތަޖުރިބާއާއި ބޯޑަރ މައިލްސްގެ މެންބަރަކަށް ވުމުގެ ސަބަބުން ލިބޭ ފައިދާތައް ކިޔައިދީ ރާއްޖެ އިޝްތިހާރުކުރާނެކަމަށެވެ. ހޯޒޭ ބުނީ ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އޭނާއަށް އެންމެ ކަމުދާ އެއް މަންޒިލްކަމަށެވެ.

ހޯޒޭ އެންރީކޭއަކީ ކުރިން ލިވަރޕޫލް އެފްސީ އަދި ނިއުކަރސަލް ޔުނައިޓެޑްގެ ޑިފެންޑަރެއްގެ މަޤާމު އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. މި ޕްރޮގްރާމްގެ ބްރޭންޑް އެންބެސެޑަރަކަށް ހޯޒޭ އެންރީކޭ ހަމަޖެއްސުމާއި ގުޅިގެން އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ ބޯޑަރ މައިލްސްގެ ޓީމާއެކު ރާއްޖެ މުޅި ދުނިޔޭގައި އިސްތިހާރުކުރާނެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑަށް ކިޔަނީ "އަބާރަނަ"އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.