ޚަބަރު

ބްރިޖްގެ އަމަލީ މަސައްކަތް ފެށުން މިމަހުގެ 30 ވަނަ ދުވަހު


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިމަހުގެ 30 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.  މި ރަސްމިއްޔާތު ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ބުދަ ދުވަހުކަމަށެވެ. ނަމަވެސް ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ފަސްކުރެއްވި ސަބަބެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ. ހައުސިންގ މިނިސްޓަރ ވިދާޅުވީ، މި ރަސްމިއްޔާތުގައި ބްރިޖްގެ މަސައްކަތް ކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކުރުމާއި، ފައިނޭންޝިއަލް އެގްރީމެންޓްގައި ސޮއިކުރުމާއި، އަދި އަމަލީގޮތުން މަސައްކަތް ފެށުންވެސް ކުރިއަށްދާނީ މި ރަސްމިއްޔާތުގެ ތެރެއިންކަމަށެވެ. މިހާރުވެސް ރާޅުގަނޑު ސަރަޙައްދު އެއްކޮށް ބަނދުކޮށް މޮބިލައިޒް ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ރަސްމިއްޔާތުގެ މަޤްޞަދަކީ ބްރިޖުގެ ތަފްސީލީ މައުލޫމާތު އާންމުންނާއި ހަމައަށް  ފޯރުކޮށްދެއްވުންކަމަށެވެ. ބްރިޖް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންނާއެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެކުންފުނީގެ ފަރާތުން އިދާރީގޮތުން ހަމަޖައްސަންޖެހޭ ހުރިހާކަމެއް  ހަމަޖެހި، މާލެއަށް ގެންނަން ބޭނުންވާ ތަކެތި ގެނެއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، އެ މަސައްކަތް ކުރާ ޗައިނާ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދެ ޓީމެއް މިހާރު ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ މާލޭ ލޮނުޒިޔާރަތްކޮޅުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށެވެ. ބްރިޖްގެ މަސައްކަތަށް މާލެއިން ބޭނުންވާ ސައިޓް ހެދުމަށް ބޮޑުތަކުރުފާނުމަގާއި، ދަރުބާރުގޭގެ ކަންމައްޗާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ. (ބްރިޖްގެ ފައިނަލް ޑިޒައިން ދައްކުވައިދޭ މަންޒަރެއް / ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ)މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. އަދި މި ބްރިޖް ޑިޒައިން ކޮށްފައިވަނީ، ދުއްވާ އެއްޗެހީގެ އިތުރުން، އާއްމުންނަށް ހިނގާފައިވެސް އުޅެވޭނޭހެންކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.