ޚަބަރު

"އިންތިޚާބު ކާމިޔާބުވީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުގެ މަސައްކަތް ރަނގަޅުވުމުން"


އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ވަޒީރެއްގެ ހައިސިއްޔަތުން ކޮށްދެއްވި މަސައްކަތްތައް ރަނގަޅުކަމަށް ރައްޔިތުން ބަލައިގަތުމުންކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވީ، އެމްޑީޕީގެ އިންތިޚާބުގައި ކުރިމަތިލާން ފުރުސަތު ލިބުމާއެކު ދާއިރާގައި ހިމެނޭ ރަށްރަށްދިޔައިރުވެސް އެރަށްރަށުގެ އެމްޑީޕީގެ އާންމު މެންބަރުންތިބީ ރައީސް ޞާލިޙްގެ ކެބިނެޓު ވަޒީރެއްގެ ގޮތުން އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އޭނާ ބަލައިގެންފައި ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު އިދިކުޅޮގައި ހުރެގެން ސިޔާސީގޮތުން ކުރެވުނު މަސައްކަތްތަކާއި، ވީ ޤުރުބާނީ، އެމްޑީޕީގެ މެންބަރުން ބަލައިގެންފައިވުމުގެ އިތުރުން، ރަށްރަށަށް ދިޔައިރު މިސަރުކާރުން ޒުވާނުންނާއި ކުޅިވަރަށް އަދި ރައްޔިތުތުންގެ ކުރިއެރުމަށް ޔޫތް މިނިސްޓްރީ މެދުވެރިކޮށް ކުރައްވާފައިވާ މަސައްކަތްތައް ފެންނަން ހުރުން އެއީ ކާމިޔާބީގެ އަސްލުކަމަށް މަޚްލޫފް ވިދާޅުވިއެވެ.

"މި ސަރުކާރުގައި ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑުކުރާ މަސައްކަތްވެސް ބަލައިގަންނަކަން، ދިޔަ ކޮންމެ ރަށަކުންވެސް އަޅުގަނޑުމެންގެ މަސައްކަތް ފެންނަހުރިަކަން. އެހެންވީމަ އެތަންތަނަށް ދިޔައިރުވެސް އަޅުގަނޑުހުރީ ބަލައިގެންފައި" މަޚްލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން އަދިވެސް އޭނާއަކީ ސީދާ އެމްޑީޕީ މީހެއްކަމަށް ޤާބޫލު ނުކުރާކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މަޚްލޫފް ވިދާޅުވީ، މެދުއުތުރު ޕްރޮވިންސްގެ ރައީސްކަމަށް އިންތިޚާބުވި ފަހުންވެސް އެއިންތިޚާބުގައި ވާދަކުރި ބައެއް ބޭފުޅުން ގުޅައި ތިޔައީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި ބަލައިނުގަންނަކަމަށް ބުނެފައިވާކަމަށެވެ.

ޕާޓީގެ ބައެއް މީހުން އެގޮތަށް ވާހަކަދެއްކެވިނަމަވެސް އޭނާއަކީ އެމްޑީޕީ މީހެއްކަން އާންމު މެންބަރުން ބަލައިގަންނަކަން މިހާރު މާރަނގަޅަށްވެސް ފެނިގެން ގޮސްފައިވާކަމަށާ، ކުރިއަށް އޮތްތަނުގައި އެގޮތަށް ބުނާމީހުންވެސް އެހެން ނުބުނާނެފަދަ ގޮތަކަށް ޕާޓީގެ މަސައްކަތުގައި ހަރަކާތްތެރިވާނެކަމަށް މަޚްލޫފް ވިދާޅުވިއެވެ.

"ޕާޓީގެ ލީޑަރޝިޕްގައި ތިބި ބައެއްބޭފުޅުން އަޅުގަނޑަކީ ވަގެއްކަމަށް ސިފަކުރި އިނގޭތޯ. އެމްއެމްޕީއާރުސީގެ ލިސްޓުގައި އަޅުގަނޑުގެ ނަންއޮތީމަ އަޅުގަނޑަކީ ވަގެއްކަމަށް ނިންމާފައި އެގޮތަށް ކަނޑައަޅައިގެންތިބީ. އެކަމަކު ހަޤީގަތުގައި އާންމު މެންބަރުން ދެކޭގޮތަކީ އެއީ ނޫންކަން ވޯޓުގެ ނަތީޖާއިން ސާފުވެގެންދިޔައީ" މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

އެންމެ ފަހު ވަގުތު އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް، މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އެ ދާއިރާގެ ގިނަ ރަށްރަށުގައި ނެގި ވޯޓުން ކުރިހޯދައިގެންނެވެ. ބައެއް ރަށްރަށުން %100 ވޯޓު ހޯއްދެވީ މަޚްލޫފެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ދަޢުވާ ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ނިންމަންދެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިހުރި މިނިސްޓަރު އަހްމަދު މަހުލޫފްގެ ސަސްޕެންޝަން ހަތަރު މަސްދުވަަސްފަހުން އުވާލީ އަލަށް ހެދުނު އުސޫލުގެ ދަށުންކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.