ކުރީގެ ސަރުކާރުން ހިޔާ ހައުސިން ޔުނިޓަކަށް ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10،419 ރުފިޔާކަމަށާއި، އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް ރިވިއު ކުރުމަށް އެޗް.ޑީ.ސީން އެދުމުން، އެއަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުގައެވެ.
މި ރިޕޯޓުގައި އެޗް.ޑީ.ސީ އިން މި އަހަރު ކަނޑައެޅި 11،000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން 2018ވަނަ އަހަރު ކަނޑައެޅި 6،600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީ އައު ކައުންސިލުން މި އަހަރު ކަނޑައެޅި 5،548 ރުފިޔާގެ ހިސާބުގެ އިތުރުން ސަރުކާރުން ކަނޑައަޅާފައިވާ 8،500 އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތައްވަނީ ދިރާސާކޮށްފައެވެ.
މި ރިޕޯޓުގައިވާ ގޮތުން ކުރީގެ ސަރުކާރުން ނިންމާފައިވާ 6،600 ރުފިޔާއާއި މި އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަދި މެއިންޓަނެންސް ފީގެ 1،000 ރުފިޔާ ހިމެނޭހެން ހައުސިން ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ 8،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި އެއް ސަތޭކަ ތިރީސް އަށް މިލިއަން ފަސްދޮޅަސް ތިން ހާސް ހަ ސަތޭކަ ހަތްދިހަ ރުފިޔާގެ ދަރަންޏެއް އަރާނެ ކަމަށްވެސް އޮޑިޓަރ ޖެނަރަލްވަނީ އަންދާޒާ ކުރައްވާފައެވެ.
މި ރިޕޯޓުގައިވާ ގޮތުން މިއަހަރު އެޗްޑީސީން ކަނޑައެޅި 11،000 ރުފިޔާއަށް ހައުސިން ޔުނިޓެއް ވިއްކައިފިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ދެ ބިލިއަން އެއް ސަތޭކަ ނުވަދިހަ ފަސް މިލިއަން އަށް ލައްކަ ފަސްދޮޅަސް ފަސް ހާސް ފަސްސަތޭކަ އަށްޑިހަ ފަސް ރުފިޔާ ލިބޭނެކަމަށްވަނީ އަންދާޒާކުރައްވާފައެވެ.
އެޗްޑީސީން ކުރި ހިސާބަކީ އެ ކުންފުނިން މި މަޝްރޫޢަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، އެ އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނަރަލްވަނީ ލަފާކުރައްވާފައެވެ.
އަދި މިފަދަ މަޝްރޫޢުތަކުގެ އަގު ކަނޑައެޅުމުގައި ޢާންމުކޮށް ބޭނުންކުރާ އީ.އެމް.އައި މެތަޑް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޭނުންކުރިނަމަ 2018ވަނަ އަހަރު ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ހައުސިން ޔުނިޓަކަށް މަހަކަށް 10،419 ރުފިޔާ ކަން މިރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އޭރު ކަނޑައެޅި 5،600 ރުފިޔާއަށް ވިއްކި ނަމަ، އެޗްޑީސީ އަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށާއި ސަބަބަކީ މަޝްރޫޢު ހިންގުމަށް ފުރަތަމަ ނެގި ލޯނުތަކާއި، ރީފައިނޭންސިންގއަށް ނެގި ލޯނުތަށް އަނބުރާ ދެއްކުމަށް ބޭނުންވާ މިންވަރަށް ފައިސާ ހޯދަން ހައުސިންގ ޔުނިޓުތައް އަގުކުރެވިފައި ނުވުމުން ފައިސާ ނުލިބޭނެތީކަން މި ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.
މި ރިޕޯޓުގައި އޮޑިޓަރ ޖެނަރަލްވަނީ ލޯނު ނަގައިގެން ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީއެމްއައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުމަށް ލަފާދެއްވާފައެވެ.
ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8،500 ރުފިޔާކަމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީމް މަހުގެތެރޭގައެވެ.