ޚަބަރު

ސްޓެލްކޯއިން އެސެމްބަލް ކުރި ސްޓެވޯ ބްރޭންޑްގެ ފުރަތަމަ ޖަނަރޭޓަރު ސެޓް ހަންޏާމީދޫއަށް


އދ.ހަންޏާމީދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށަށް އިތުރު ޖަނަރޭޓަރު ސެޓެއް ސްޓެލްކޯއިން ފޮނުވައިފިއެވެ. މިޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ވޯކްޝޮޕުން އެންމެ ފުރަތަމަ އެސެމްބަލް ކުރި ސްޓެވޯ ބްރޭންޑްގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.

އާބާދީ އިތުރުވަމުން އަންނަ ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ހުރިހާ ރަށަކީވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ޤާއިމުވެފައިވާ ރަށަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯގެ ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ސްޓެވޯ ބްރޭންޑްގެ ފުރަތަމަ ޖަނަރޭޓަރު ސެޓު ހަންޏާމީދޫއަށް ފޮނުވާފައިވާ ކަމަށާއި މިއީ 300 ކިލޯވޮޓްގެ ޖަނެރޭޓަރެއް ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އދ.ހަންޏާމީދޫގެ ކަރަންޓުގެ ކެޕޭސިޓީ މިއާއެކު އިތުރުވެ އެރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް އެދެވޭ ޙައްލެއް ލިބޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މިކަމުގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯގެ ވޯކްޝޮޕުންވަނީ 3 މޮޑެލްއެއްގެ ޖަނެރޭޓަރު ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ހިމެނެނީ STW300, STW600 އާއި STW800 އެވެ. ސްޓެލްކޯއިން މިހާރުވަނީ މިބްރޭންޑުގެ ޖަނަރޭޓަރަށް އޯޑަރު ދިނުމަށް ހުޅުވާލާފައެވެ. މި ޖަނަރޭޓަރު ގަންނަ ފަރާތްތަކަށް އެކުންފުނިން އިތުރު ޚިދުމަތްތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ޖަނަރޭޓަރު ސެޓަކާއެކު ލޯކަލް ވޮރަންޓީއަކާއި އަފްޓަރ ސޭލްސް ސަރވިސްގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ޖަނަރޭޓަރު އިންސްޓޯލްކޮށްދިނުމުގެ ޚިދުމަތް ދިނުމަށް އެކުންފުނިންވަނީ ނިންމާފައެވެ. ހަމައެއާއެކު ޖަނަރޭޓަރަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ޖަނަރޭޓަރަށް ބޭނުންވާ ސްޕެއަރގެ ބައިތައް ސްޓެލްކޯގެ އިންޖިނިއަރުން ގޮސްގެން ބަދަލުކޮށްދިނުމުގެ ޚިދުމަތްވެސް ދޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ތަޢާރަފްކޮށްފައިވާ ޖަނަރޭޓަރަކީ ރާއްޖެއަށް ބޭރުން އެތެރެކުރާ ޖަނަރޭޓަރުތަކާ އެއްފެންވަރަކަށް ސްޕެއަރތައް ރާއްޖެއަށް ގެނެސްގެން ސްޓެލްކޯގެ އިންޖިނިއަރުން އެސެމްބަލްކުރާ ޖަނަރޭޓަރުތަކެކެވެ.