ކުޅިވަރު

10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޝާޒާއި ފާތީ އަށް


10 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދައިފި. އަންހެންބައިގެ ޗެންޕިއަންކަން ހޯދީ އާމިނަތު ފާތީއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެންބައިގެ ޗެންޕިއަންކަން ހަސަން ޝާޒް ހޯދީ ފައިނަލްގައި މުޙައްމަދު ޝަރީފް 9 ފްރޭމް 7 ފްރޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި 64 ކުޅުންތެރިން ވާދަކޮށްފައިވެއެވެ. މިމުބާރާތުގެ ފިރިހެން އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޗެންޕިއަން ހަސަން ޝާޒް، ރަނަރަޕް ހުސެއިން ފަޔާޒް، ހަސަން ޝަފްރާޒް، އިސްމާއީލް ސުވައިދު، އަޙްސަނު ހާޝިމް، އަޙްމަދު ޒިޔާން އަދި ޢަލީ ފަޔާޒްއެވެ.

އަންހެންބައިގެ ޗެންޕިއަންކަން އާމިނަތު ފާތީ ހޯދީ ފައިނަލްގަައި އާމިނަތު އަޒުރާ އާއި ވާދަކޮށް 7 ފްރޭމް 2 ފްރޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ އާމިނަތު ފާތީ، އާމިނަތު އަޒުރާ، އާމިނަތު ހަލީމު، ފަޒުނާ މޫސާ އަދި ދީނާ އަޙްމަދުއެވެ. މުބާރާތުގެ އެންމެ ގިނަ ބްރޭކް ރަންއައުޓް އަދި ރަންއައުޓް ޖެހި ކުޅުންތެރިޔާއަކީ ހުސައިން ފަޔާޒްއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މިއަހަރު އަދި އިތުރު ތިން މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެއީ 9 ބޯލް އެސޯސިއޭޝަން ކަޕް އާއި 9 ބޮލް ޗެންޕިއަންޝިޕް އަދި ގައުމީ ބިލިއާޑް މުބާރާތެވެ. މިގޮތުން 9 ބޯލް އެސޯސިއޭޝަން ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޯބަރ އިން ފެށިގެން 31 އޮކްޓޯބަރުއެވެ. 9 ބޯލް ޗެންޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ނޮވެންބަރުން ފެށިގެން 10 ނޮވެންބަރާއި ހަމައަށެވެ. އަދި ގައުމީ ބިލިއާޑް މުބާރާތް ކުރިއަށްދާނީ 1 ޑިސެންބަރުން ފެށިގެން 15 ޑިސެންބަރު މަހުގެ ނިޔަލަށެވެ.