ވިޔަފާރި

އޮކްޓޫބަރުމަސް ނިމޭއިރު އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔާނެ: އެމްއެމްޕީއާރުސީ


ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަމުންދާ މިންވަރަށް ބަލާއިރު، އޮކްޓޫބަރުމަސް ނިމޭއިރު އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 953723 ފަތުރުވެރިން އައިސްފައެވެ. އަދި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 4361 ފަތުރުވެރިން އަންނަ އިރު، ކުރިއަށްއޮތް 11 ދުވަސްތެރޭ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން މި ކާމިޔާބީއާއި ހަމައަށް ރާއްޖެ ގެންދިޔުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ކޯވިޑްގެ ސަބަބުން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ފަތުރުވެރިންނަށް ޤައުމު ހުޅުވާލި ފުރަތަމަ މަންޒިލަށް ރާއްޖެ ވެގެންދިޔައީ، ރާއްޖޭގެ ރައިސުލްްޖުމްހޫރިއްޔާގެ ނިންމެވުމާއި، މި ދާއިރާގެ ގިނަ ފަރާތްތަކެއް އެކުގައި ކުރި ބުރަ މަސައްކަތުންނާއި، ތޫނުފިލި ނިންމުންތަކުގެ ސަބަބުންނެވެ. ބޯޑަރު ބަންދުކޮށްފައި އޮތްއިރުވެސް، ބަލިމަޑުކަމުގެ ސަބަބުން ދަތުރުކުރުމަށް ޖެހިލުންވެފައި ތިބި ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގައި އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން ހާލަތަށް ބަލައި، އެ ހާލަތާ އެކަށޭނަ ސްޓްރެޓަޖީތައް އެކުލަވާލައި އާ އަމާޒުތަކަކަށް މަސައްކަތްކުރަމުންދާއިރު، ކުރިން މަސައްކަތްކުރި ގޮތާ ޚިލާފަށް ނިއު ނޯމަލްގައި މަސައްކަތްތައް ވާޗުއަލް ހަރަކާތްތަކަށް ބަދަލުކުރިއެވެ. މައިގަނޑު މާކެޓްތައް ބަންދުވެފައި އޮތް މި ނާޒުކު ހާލަތުގައި ފަތުރުވެރިން އަންނަ މިންވަރު ދަށްވިޔަ ނުދިނުމަށް، ހުޅުވާފައި ހުރި މާކެޓްތަކަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރުން އިތުރުކުރިއެވެ.

އެމްއެމްޕީއާރްސީގެ މި އަހަރުގެ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 25 އަށްވުރެ ގިނަ ފެއާގައި ރާއްޖެ ތަމްސީލްކޮށްފައިވެއެވެ. މީގެ އިތުރުން 5 ރޯޑް ޝޯ އާއި 1 ވާޗުއަލް ޝޯގައި ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފައިވެއެވެ.

އަދި ދުނިޔޭގެ އެންމެ ބޮޑެތި ޓްރެވަލް އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުން، އޮންލައިން އަދި ޕްރިންޓް ނޫސްތަކާއި، މަޖައްލާތަކާއި، ޓީވީ، ރޭޑިއޯ، އެއާރލައިން ފަދަ ފަރާތްތަކާއެކު، ދުނިޔޭގެ އެކި ޤައުމުތަކަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ 39 ކެންޕެއިން ހިންގިފައިވެއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމުގެ ގޮތުން ފެމިލަރައިޒޭޝަން ދަތުރުތަކުގައި މި އަހަރު މިހާތަނަށް މީޑިއާ، ޓްރެވަލް އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ސެލެބްރިޓީ އިންފްލުއެންސަރުން ހިމެނޭހެން 22 ދަތުރެއް އިންތިޒާމްކޮށް ކުރިއަށްގެންގޮސްފައިވެއެވެ.

އަދި އެއްވަގުތެގައި ގިނަ ޤައުމުތަކެއްގައި ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާފައިވާ 6 ކެންޕެއިން މެދުވެރިކޮށް ރާއްޖެ ވަނީ އިޝްތިހާރުކޮށްފައެވެ. މިއިން ކޮންމެ ހަރަކާތެއްގައި އެމްއެމްޕީއާރްސީން ބައިވެރިވެ ރާއްޖެ ތަމްސީލްކުރާއިރު، އިންޑަސްޓްރީ ޕާޓްނަރުންނަށްވެސް އެ ފަރާތްތަކުގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި، އެތަންތަނުން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމަށް ފަހި ފުރުސަތުތަކެއް ހޯދައިދީފައިވެއެވެ.

އެއް މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދާއިރު، އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި، މި އަދަދު އިތުރުކޮށް ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓަށް ކަމަށް އެ އެމްއެމްޕީއާރުސީން ހާމަކުރެއެވެ.