ވިޔަފާރި

ވަރލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް 4 އެވޯޑެއް


28 ވަނަ "ވަރލްޑް ޓްރެވަލް އެވޯޑްސް"ގެ އިންޑިއަން އޯޝަން ކެޓަގަރީން ދިވެހިރާއްޖެ 4 ކެޓަގަރީއެއް ކާމިޔާބު ކޮށްފިއެވެ.

1993 ވަނަ އަހަރު ދޭން ފެށި، މި ޝަރަފުވެރި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު އެވޯޑެކެވެ.

މިއަހަރު ދިވެހިރާއްޖެއިން ކާމިޔާބުކޮށްފައިވަނީ:

* އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭ
* ލީޑިން ޑެސްޓިނޭޝަން 2021
* އިންޑިއަން އޯޝަންގެ ލީޑިންގް ބީޗް ޑެސްޓިނޭޝަން 2021
* އިންޑިއަން އޯޝަންގެ ލީޑިންގް ޑައިވް ޑެސްޓިނޭޝަން 2021

އަދި އިންޑިއަން އޯޝަންގެ ލީޑިން ޓުއަރިސްޓް ބޯޑް 2021ގެ އެވޯޑް، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ވަނީ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އެކި ކެޓަގަރީތަކުން ރާއްޖޭގެ ރިސޯޓުތަކުންވަނީ އެވޯޑްތައް ހޯދާފައެވެ.
މި އެވޯޑުތައް ރާއްޖެއަށް ލިބުމާއި ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ ވަރލްޑް ޓްރެވެލް އެވޯޑްސްގައި އިންޑިއަން އޯޝަންގެ ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ލިބުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ މުޅި ޓުއަރިޒަމް އިންޑަސްޓްރީ ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވެ، އިންޑަސްޓްރީގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ޠައްޔިބުވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމްއެމްޕީއާރްސީއަށް، އިންޑިއަން އޯޝަންގެ ލީޑިން ޓުއަރިސްޓް ބޯޑުގެ އެވޯޑް ލިބުމަކީ ވަރަށް ޚާއްޞަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެ އެވޯޑްގެ ފަހަތުގައިވަނީ އެމްއެމްޕީއާރްސީގެ ޓީމު، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ދަތި ދުވަސްތަކުގައި، ކުރި އިޚުލާސްތެރި ބުރަ މަސައްކަތް ކަމަށް ޠައްޔިބު ވިދާޅުވިއެވެ.

ފާއިތުވެދިޔަ 17 އަހަރު ތެރޭގައި 13 ފަހަރެއްގެ މަތިން ދިވެހިރާއްޖެ ވަނީ އިންޑިއަން އޯޝަންގެ އެންމެ މަޤުބޫލު މަންޒިލްގެ މަގާމު ހާސިލް ކޮށްފައެވެ. މިއަހަރުގެ ވަރލްޑް ޓްރެވަލް އެވޯޑްސްއަށް ރެކޯޑު އަދަދަކަށް ވޯޓު ލިބިފައިވެއެވެ. މިކަމުން ދައްކައިދެނީ މިފަދަ ދަނޑިވަޅެއްގައިވެސް ދަތުރު ފަތުރުކުރުން އަލުން ފަށައިގަންނަ އިރު، ފަތުރުވެރިން ދަތުރު ކުރުމަށް ޝައުގުވެރިވާ މިންވަރުކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555,494 ފަތުރުވެރިންނެވެ. މި އަހަރު މިހާތަނަށް 923,146 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ. މި އަހަރު އެއް މިލިޔަނަށް ވުރެށް ގިނަ ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރާތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ.

މިފަދަ ޝަރަފުވެރި އެވޯޑުތައް ލިބުމަކީ ދިވެހިރާއްޖެ އިޝްތިހާރުކޮށް މުޅި ދުނިޔޭގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ. ދިވެހިރާއްޖެ ވަނީ މީގެ ކުރިންވެސް އެކި ކެޓަގަރީތަކުން އެވޯޑްތައް ހާސިލްކޮށްފަ އެވެ. އެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ މަޤުބޫލު އެއާޕޯޓް ރިސޯޓް، ދުނިޔޭގެ އެންމެ މަޤުބޫލް ބީޗް ޑެސްޓިނޭޝަން، ދުނިޔޭގެ އެންމެ މަޤުބޫލު ހަނީމޫން ރިސޯޓް، ދުނިޔޭގެ އެންމެ މަޤުބޫލު ރޮމޭންޓިކް ރިސޯޓް އަދި ދުނިޔޭގެ އެންމެ މަޤުބޫލު ލަގްޒަރީ އައިލެންޑް ރިސޯޓު ގެ މަގާމު ކާމިޔާބު ކޮށްފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްގެ، "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ރާއްޖެއިންވަނީ ހޯދާފައެވެ. މިއަހަރުގެ ވޯޑްލް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑަށްވެސް ރާއްޖެވަނީ ނޮމިނޭޓްވެފައެވެ. މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26ވަނަ ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ.