ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކާލުމަށް ޙަރަކާތެއް ބާއްވަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކާލުމަށް، ޖެންޑަރ މިނިސްޓްރީން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތެއް ކުރިއަށގެންދިއުމަށް ނިންމައިފިއެވެ. މި ޙަރަކާތް ކުރިއަށް ގެންދަނީ "ރިވެލި ތަރި"ގެ ނަމުގައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ހޯދާ ކާމިޔާބީ ފާހަގަކޮށް، ސަރުކާރުންވަނީ 2019ވަނަ އަހަރު ރިވެލީގެ ނަމުގަ އެވޯޑެއްވެސް ތަޢާރަފްކޮށްފައެވެ.

"ރިވެލި ތަރި" ޙަރަކާތުގެ އެންމެބޮޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި އެފަދަމީހުން ކުރާ އެކިއެކި ފާހަގަކޮށްލެވޭ މަސައްކަތްތައް މުޖުތަމަޢަށް ދައްކާލުމެވެ. މިފަދަ ޙަރަކާތެއް އިންތިޒާމުކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރުދީ އެމީހުން އެކި ދާއިރާތަކުން ކުރިއެރުވުމުގެ މަޤުޞަދުގަކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސެސްއިން ވިދާޅުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ކުދިންގެ ތެރޭގައި އެކިކަހަލަ ހުނަރުތަކާއި އަދި ތަފާތު މަސައްކަތްތައް ކުރާ މީހުން ހިމެނެއެވެ. މި ޙަރަކާތުގެ ސަބަބުން އެމީހުންގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވައި މާކެޓުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ޤާބިލުކަމުގެ މަޢުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަށް ފުރުޞަތު ލިބޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަންހުންނަ މީހުން އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުންވެސް މިޙަރަކާތުގެ މަޤުޞަދުތަކުގެތެރޭގަ ހިމެނޭކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ވަރޗުއަލް ޙަރަކާތެކެވެ. ބައިވެރިވާން ބޭނުންވާ ކުދިންނާ މީހުން، އެމީހަކު ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނެޓާއި 5 މިނިޓާ ދެމެދުގެ ވީޑިއޯއެއް ތައްޔާރުކޮށް ހުށައަޅަންޖެހޭނެއެވެ. މި ވީޑިއޯއާ މަޢުލޫމާތުތައް ޝޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނާ ހަމައަށް، މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

"ރިވެލި ތަރި" ޕްރޮގްރާމްގަ ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުގެ 13:30އެވެ. ޕްރޮގްރާމާގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީ މެދުވެރިކޮށް ލިބޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމާއި އެމީހުން ކުރިއެރުވުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.