ޚަބަރު

އިންޑިޔާގައި ކޯވިޑް-19ގެ ވެކްސިންގެ އެއް ބިލިޔަން ޑޯސް ފުރިހަމަކޮށްފި


އިންޑިޔާގައި ކޯވިޑް-19ގެ ވެކްސިންގެ އެއް ބިލިޔަން ޑޯސް ފުރިހަމަކޮށްފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެ ޤައުމުގައި ވެކްސިންގެ އެއް ބިލިޔަން ޑޯސް ފުރިހަމަކުރުމަކީ އެ ޤައުމުގެ ސައިންސްގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި ޞިއްޙީ ޚިދުމަތްތެރިންނާއި އެ ޤައުމުގެ 1.3 ބިލިޔަން ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ދިނުމަށް އިންޑިޔާއިން ހޯދި ކާމިޔާބީ ދައްކުވައިދޭ ލަވައަކާއި ކުރު ފިލްމެއް މޯދީވަނީ އިފްތިތާޙްކޮށްދެއްވައިފައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ޤައުމުގެ ރައްޔިތުންވަނީ ކޯވިޑް-19ގެ ވެކްސިންގެ 998.5 މިލިޔަން ޑޯސް ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން 90 އިންސައްތަ ޖަހާފައިވަނީ ސީރަމު އިންސްޓިޓުޔުޓު އޮފް އިންޑިޔާއިން އުފައްދާ ކޮވިޝިލްޑު ވެކްސިންނެވެ.

އިންޑިޔާގެ ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގެ 18 އަހަރުން މަތީގެ އާބާދީކަމަށްވާ 944 މިލިޔަން މީހުންނަށް ވެކްސިންގެ ދެ ޑޯސް ދިނުމަށެވެ. އެ ގޮތުން މިހާތަނަށް އެ ޤައުމުގެ 18 އަހަރުން މަތީގެ 70 އިންސައްތަ މީހުންވަނީ ވެކްސިންގެ އެއް ޑޯސް ޖަހައިފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައިވަނީ އެ ޤައުމުގެ 18 އަހަރުން މަތީގެ 31 އިންސައްތަ މީހުންނެވެ. އިންޑިޔާގެއެ ޤައުމުގެ 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ވެކްސިން ދީފައެއް ނުވެއެވެ. އެއީ އެ ޤައުމުގެ އާބާދީގެ 40 އިންސައްތައެވެ.

އިންޑިޔާގައި 34.1 މިލިޔަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 452,000 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގެ އިތުރުން ޗައިނާގައިވެސްވަނީ ކޯވިޑް-19ގެ ވެކްސިންގެ އެއް ބިލިޔަން ޑޯސް ފުރިހަމަކޮށްފައެވެ.