ވިޔަފާރި

އެމެރިކާގައި ބޭއްވި ހަލާލް އެކްސްޕޯގައި ރާއްޖެ ތަމްސީލުކޮށްފި


މޯލްޑިވްސް ހަލާލް ޓްރެވެލްއިން އެމެރިކާގައި ބޭއްވި 4 ވަނަ ހަލާލް އެކްސްޕޯ އެންޑް ސަމިޓުގައި ރާއްޖޭ ތަމްސީލު ކޮށްފިއެވެ.

މިއެކްސްޕޯގައި މޯލްޑިވްސް ހަލާލް ޓްރެވެލްއިން ރާއްޖެ ތަމްސީލުކޮށްފައިވަނީ، އެމްއެމްޕީއާރްސީއާއި ގުޅިގެންނެވެ. އެމެރިކާގެ ވޮޝިންޓަނުގައި ބޭއްވި މިއެކްސްޕޯއަކީ މުސްލިމް ފަތުރުވެރިކަމަށް ބާއްވާ މިފަދަ އެންމެ ބޮޑު އެއް އެކްސްޕޯއެވެ. އެގޮތުން އެމެރިކާގައި 20 މިލިއަން މީހުންގެ މާކެޓެއް އޮންނައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިލިއަނަކަށްވުރެ ގިނަ މީހުން މިއެކްސްޕޯގައި ތަމްސީލު ކުރެވެއެވެ. މިއެކްސްޕޯ ބާއްވާފައިވަނީ މިމަހުގެ 20 އިން 21 އަށް އެމެރިކާގެ ވޮޝިންޓަނުގައެވެ.

މިއެކްސްޕޯގައި ރައްޖޭ ތަމްސީލުކުރާ މޯލްޑިވްސް ހަލާލް ޓްރެވެލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓަކަށް ވާނެކަމަށެވެ. އެގޮތުން މިއަހަރު މިހާތަނަށްވެސް އެމެރިކާއިން ރާއްޖެ 30،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެމެރިކާގައި 6 މިލިއަން މުސްލިމުންގެ އާބާދީއެއް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖެއާ ގުޅޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދީ އަދި މޯލްޑިވްސް ހަލާލް ޓްރެވެލްގެ ޕެކޭޖުތަކުގެ ފުރިހަމަ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފައިވެއެވެ. އަދި އެމެރިކާ މިއީ ހަމައެކަނި ފެށުން ކަމަށާއި، އެކުންފުނީގެ އަމާޒު މޮރޮކޯ، ކެނެޑާ އަދި ތުރުކީ ފަދަ ޤައުމުތަކަށް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މިއެކްސްޕޯގެ ތެރެއިން ޑރ. ސަނީ އުމަރު ވަނީ ހަލާލް ފަތުރުވެރިކަމާއި ގުޅޭ ގޮތުން ބޭއްވި، ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެފައެވެ. މި ޕެނަލްގައި އޭނާ ވަނީ ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ފެށިގެންއައި ގޮތާއި މިމާކެޓަކީ ރާއްޖެއަށް ކިހާ މުހިންމު މާކެޓެއްކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކާފައެވެ. އަދި ހަލާލް ޓުއަރިޒަމް ފެށުމަށް މިހާރުވެސް އެކުންފުންޏާއެކު މަސައްކަތް ކުރަމުންދާ އަދާރަން ރިސޯޓު، ކިހާ މޯލްޑިވްސް، ކުޑަ ވިލިނގިލި ރިސޯޓު މޯލްޑިވްސް އަދި ލަކްސް ސައުތު އަރިއެޓޯލް އިން ކޮށްދެއްވާ މަސައްކަތް ސަނީ ފާހަގަކުރެއްވިއެވެ.

މިއެކްސްޕޯގެ ތެރެއިން ރާއްޖޭގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ދެ ފަރާތަކަށް ކުޑަ ވިލިނގިލި ރިސޯޓުގައި 3 ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މޯލްޑިވްސް ހަލާލް ޓްރެވެލްއަކީ މިއަހަރު ދުބާއީގައި ބޭއްވުނު އަރޭބިއަން ޓްރެވެލް މާކެޓުގައި ލޯންޗު ކުރެވުނު ޓްރެވެލް އޭޖެންސީއެކެވެ. މިއީ ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއްރްސީގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ތަޢާރަފު ކުރެވުނު ކުންފުންޏެކެވެ. މިކުންފުނީގެ އަމާޒަކީ މުސްލިމް ފަތުރުވެރިކަން ތަރައްޤީކޮށް، މިދާއިރާގެ ތެރޭގައި ބޭރު ދުނިޔޭގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެކި މަސައްކަތް ކުރުމެވެ.