ޚަބަރު

ފްލައިންގ ސްކޫލް މައްސަލައިގައި އޮތޯރިޓީގެ އިހުމާލު ބޮޑު: އޮޑިޓް


އައްޑޫ ފްލައިން ސްކޫލްގެ މައްސަލަތައް ބޮޑުވި ސަބަބުތަކުގެ ތެރޭގައި ހިންގުމުގެ ޤާބިލްކަން ބެލުމަށް ހެދި އޮޑިޓްތަކުން ފާހަގަވި މައްސަލަތައް އިސްލާހުކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިވާނުވާކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީން، އައްޑޫ ފްލައިންގ ސްކޫލް ރެގިއުލޭޓްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހަދާފައިވާ ޕަރފޯމަންސް އޮޑިޓްގައެވެ.

ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ އެތަނުގެ ޙާލަތު ބެލުމަށް އޮޑިޓް ކޮށްދިނުމަށް މިނިސްޓްރީ އޮފް ސިވިލް އެވިއޭޝަނުން އޮޑިޓް އޮފީހުގައި އެދިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އެގޮތުން 2018 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންގޮސްފައިވާ މުޢާމަލާތްތަކާއި ދިމާވި މައްސަލަތަކާއި އަޅާފައިވާ ފިޔަވަޅުތައް އޮޑިޓް އޮފީހުން ވަނީ ބަލާފައިކަމަށް އެއޮފީހުގެ ރިޕޯޓުގައި ވިދާޅުވެއެވެ. އެގޮތުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ފްލައިން ސްކޫލްގައި ބޭނުންކުރާ މަތިންދާ ބޯޓުތަކަށް ދިމާވި ބައެއް މައްސަލަތައް ފާހަގަވުމުން އެމައްސަލަތައް ޙައްލުކުރުމަށް ފިޔަވަޅު އަޅާފައިނުވުން ހިމެނެއެވެ.

މަތިންދާ ބޯޓުތަކުގެ ފްލީޓްގެ ކެޕޭސިޓީގެ މައްސަލަ ބޮޑުވެ ކުދިންގެ ފްލައިންގ ގަޑި ހަމަވުމުގައި އެތައް ޝަކުވާއެއް ކުރިމަތިވަމުންދާއިރުވެސް ފްލީޓް ބޮޑުކުރުމަށް މަސައްކަތްކޮށްފައިނުވާކަންވެސް ވަނީ ހާމަވެފައެވެ. ހަމައެއާއެކު ރާއްޖޭގެ އެވިއޭޝަން ޤާނޫނާ ޚިލާފަށް އެތައް މައްސަލަތަކެއް އެސްކޫލްގައި ހިނގާފައިވާއިރުވެސް އެކަމުގައި ސްކޫލާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން އޮޑީޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބެއްކަމަށް ފާހަގަކޮށްފައިވަނީ ރާއްޖޭގައި އިތުރު ފްލައިންގ ސްކޫލެއް ނެތުމާއެކު ސްކޫލާމެދު އަޅާ ފިޔަވަޅުތަކާއެކު ކުދިންގެ ކިޔެވުން ހުއްޓުމަށް އޮތް ކަންބޮޑުވުމާއެކުގައިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކުދިންނަށް އެކަށޭނެ ވަރަށް ފްލައިންގ ސްކޫލްގައި ޓީޗަރުންގެ މައްސަލަ އޮތްކަން 2016 ވަނަ އަހަރު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާއިރު އެކަން ޙައްލުކުރުމަށް އެއަހަރު ހަދާފައިވާ އޮޑިޓުގައި ދީފައިވާ ލަފައަށްވެސް ސިވިލްއެވިއޭޝަން އޮތޯރިޓީން ޢަމަލުކޮށްފައިނުވާކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ.

ފްލައިންގ ސްކޫލްގައި ހުރި މައްސަލަތަކުގެ ސަބަބުން ކުދިންގެ ފަރާތުން އަންނަ ޝަކުވާތައް ބެލިނަމަވެސް އެތަނުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް މަތީ ތަޢުލީމާއި ގުޅޭ އިދާރާގެ ޙައިސިއްޔަތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޕްރޯއެކްޓިވްކޮށް މައްސަލަތައް ބަލާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅުގައި ކުދިންނަށް ފޯރުކޮށްދެވިފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައެވެ.

ފްލައިންގ ސްކޫލްގެ މައްސަލަ ބޮޑުވެފައިވާއިރު އެފަދަ މައްސަލަތައް ދިމާވުމުން ފިޔަވަޅު އަޅާނީ ސީދާ ވަކި އިދާރާއެއްކަން ކަނޑައެޅިގެން ޤާނޫނަކުން އެނގެން ނެތުމުންކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ އެތަނުގައި ހުރިކަމަށް ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެކަށީގެންވާ ޕްލޭނެއް އެކުލަވާލައި، ތަންފީޒުކުރުމަށް ކަނޑައަޅާ ޓައިމްލައިންގެ ތެރޭގައި މައްސަލަތައް އިދާރާތައް ގުޅިގެން ޙައްލުކުރުމަށް މިކަމުގައި ޝާމިލުވާ އިދާރާތަކަށް އަންގާފައެވެ.