ކުޅިވަރު

ރޮނަލްޑޯގެ ލަނޑުން ފަހަތުން އަރައި މެންޗެސްޓަރ މޮޅުވެއްޖެ


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި މެންޗެސްޓަރ ޔުނައިޓެޑާއި އެޓަލާންޓާ ބައްދަލުކުރިމެޗް ފަހަތުން އަރާ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ އެޓަލާންޓާގެ މާރިއޯ ޕަސަލިޗްއެވެ. އަދި އެޓަލާންޓާއިން ވަނީ މެޗްގެ 28 ވަނަ މިނެޓްގައި މެރީހް ޑެމިރާލް ޖަހައިދިން ލަނޑުން އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިހާފްގައި ޔުނައިޓެޑަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ހާފް ޓައިމްގައި ސަޕޯޓަރުންވަނީ އެމީހުންގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް އެޓަލާންޓާއަށް ނުރައްކާކޮށްފައެވެ. މިގޮތުން މިމެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހައިދިނީ މާކަސް ރަޝްފަޑްއެވެ. އަދި މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ހެރީ މެގުއަރއެވެ. އަދި މިމެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި އެޓަލާންޓާ އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.