ކުޅިވަރު

ޔޫރަޕްގެ މިސީޒަންގައި ބާސެލޯނާ ފުރަތަމަ ފަހަރަށް މޮޅުވެއްޖެ


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި އެފްސީ ބާސެލޯނާ އާއި ޑީނަމޯ ކިޔޭވް ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ބާރސާ ކާމިޔާބުކޮށްފިއެވެ. ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބާރސާއެވެ. މިމެޗްގައި ބާރސާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހައިދިނީ ތަޖްރިބާކާރު ޑިފެންޑަރ ޖެރާޑް ޕީކޭއެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބާރސާއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑެވެ. މީގެ ކުރިން މިފަހަރުގެ މުބާރާތުގައި ކުޅުނު ދެމެޗުންވެސްވަނީ ބަލިވެފައެވެ. މިމެޗްގައި ބާރސާއަށް މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވިއެވެ. މިގޮތުން ސަރޖީނޯ ޑެސްޓާއި އަންސޫ ފަޓީއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. މިމެޗްގެ ފަހު 15 މިނެޓްގައި ސަރޖިއޯ އަގުއެރޯވެސްވަނީ ބާރސާއިން ކުޅެން އަރުވާފައެވެ. މިއީ އޭނާ މިފަހަރުގެ މުބާރާތުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗެވެ.

މިކާމިޔާބީއާއެކު ބާރސާ މިހާރު މިވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ޑީނަމޯ ކިޔޭވް އުޅެނީ ތިން މެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ. މިގްރޫޕްގެ އެއްވަނައިގާ ކުޅުނު ތިން މެޗް ވެސް ކާމިޔާބުކޮށް ލިބިފައިވާ 9 ޕޮއިންޓާއެކު އުޅެނީ ބަޔާން މިޔުނިކެވެ. ބަޔާން ވަނީ ރޭ ބެންފީކާ އާއި ބައްދަލުކުރިމެޗް 4 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައެވެ.