ޚަބަރު

ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި


ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީން ނިންމާލައިފިއެވެ.

މިމަޝްރޫޢު މިދިޔަމަހު ނިންމާލާފައިވީނަމަވެސް ރަސްމީކޮށް ކައުންސިލާ ޙަވާލުކޮށްފައި ވަނީ މިއަދުއެވެ.

ދައުލަތުގެ ބަޖެޓުން 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން ގުރައިދޫގައި ވަނީ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހާ ޙިމާޔަތްކޮށްފައެވެ.

ބިން ހިއްކުމަށް ކުރިއަށްގެންދިޔަ މަޝްރޫޢާއެކު އެމްޓީސީސީން ވަނީ ގުރައިދޫ ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއްވެސް ތަރައްޤީކޮށްދީފައެވެ. މިމަޝްރޫޢުގެ ދަށުން 1.7 ހެކްޓަރުގެ ބިން ހިއްކާ 278 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓ ޖަހާ ހމާޔަތްކޮށް 160 މީތަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 13.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެއް. މިއީ މިފަދަ ސަރަޙައްދެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ފަޅުތެރޭގައި އެމްޓީސީސީން ތަރައްޤީކުރި ފުރަތަމަ ފަހަރެވެ. މިއީވެސް އެރަށާއި އެސަރަޙައްދުގެ ރަށްތަކާއި ޓޫރިސްޓް ރިސޯޓުތަކަށްވެސް ހުޅުވާލައިގެން ރަށަށް ދެމެހެއްޓެނިވި ނަފާ ލިބޭނެފަދަ ތަނަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެކަމަށް ކައުންސިލުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ގުރައިދޫގެ ރަޖިސްޓްރީގައި 2000 މީހުން ތިބިނަމަވެސް އެއީ ގްރޭޓަރ މާލެ ސަރަޙައްދުގައި ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށަކަށްވާތީ ރަށުގެ މީހުންގެ އިތުރުން ވަޒީފާގެ ފުރުސަތާއެކު އެރަށުގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

ގުރައިދޫ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި އެރަށުގެ ތަރައްޤީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ރަށުގައި ބިން ނެތުމެވެ. އެގޮތުން މީހުން ދިރިއުޅުމަށް ރަށުން ގޯތި ދޫނުކުރާތާ 17 ވަރަކަށް އަހަރުވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން މިމަޝްރޫޢު ނިމުމާއެކު ލޭންޑް ޔޫސް ޕްލޭން ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކާއެކު އެކުލަވާލާ އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންނަށް ދިރިއުޅެން ބޭނުންވާ ގޯތި ދޫކުރުމަށްކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ. މިއާއެކު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް ޒަމާނެއްވީ މައްސަލައަކަށް ޙައްލެއް ލިބި ރަށުގެ ލޯކަލް ޓޫރިޒަމްވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވާނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.