ޚަބަރު

"މާޅޮހު އައު ބަނދަރުގެ މަސައްކަތް އަންނައަހަރު ނިމޭނެ"


އއ.މާޅޮހު ބަނދަރަކީ މީގެ 12ވަރަކަށް އަހަރުކުރިން ސިމެންތި ބަސްތާއިން ތޮށި ލައިގެން ހަދާފައިވާ ބަނދަރެކެވެ. ރާއްޖޭގެ އެކި ރަށްރަަގެ ބަނދަރުތައް މިގޮތަށް ހަދަމުންދިޔަ ދުވަސްވަރު އެރަށުގެ ބަނަދަރުގެ މަސައްކަތްވެސް ކުރެވުނެވެ. އެހެންނަމަވެސް އޭރުވެސް އެރަށުގެ ބަނދަރުގެ މަސައްކަތް މުޅިން ނިންމާފައެއްނުވެއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން އެދެމުން ދިޔައީ އެބަނދަރުގެ މަސައްކަތް މުޅިން ނިންމައިދިނުމަށެވެ. އެހެންނަމަވެސް ސަރުކާރުން ނިންމީ މުޅިން އައު ބަނދަރެއް އެރަށުގައި ތަރައްޤީކުރާށެވެ.

މިއާއެކު މިދިޔަ އހަރުގެ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހު އެރަށުގެ ބަނދަރުހެދުމުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ. އެމްޓީސީސީން މިހާރުވަނީ އެންވަޔަރަންމަންޓަލް އިމްޕެކް އެސެސްމަންޓް (އީއައިއޭ)ގެ މަސައްކަތް ނިންމައި އެކަމުގެ ރިޕޯޓް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ހުށަހަޅާފައެވެ. އަދި މިވަގުތު ޚާއްސަ ހުއްދައެއްގެ ދަށުން އެރަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

މާޅޮހު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމުގައި ގިނަ ދަތިތަކެއް ކުރިމަތިވުމާއެކު މިހަރު ބަނދަރުގެ ޑިޒައިންނަށްވެސް ބޮޑުބަދަލެއް ގެނެސްފައިވާކަމަށެވެ. އާޒިމް ވިދާޅުވީ މިހާރު ހަދާފައިވާ އީއައިއޭގެ ރިޕޯޓަށްފަހު މިމަހުގެ ތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިއްޖެނަމަ ބަނދަރުގެ މަސައްކަތްތައް އަންނަ ހަރު ނިންމާލެވޭނެކަމަށެވެ. މިގޮތުން އަންނަ އަހަރުގެ އޯގަސްޓް ނުވަތަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ބަނދަރުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

" މޫދޫގައި ހުރި އާނުގަނޑުތައް ނައްޓަން ޖެހުމުގެސަބަބުން ރަށުގެ ގެތަކަށް ގެއްލުން ލިބިދާނެކަމަށް ލަފާކޮށް ބަނދަރުގެ ޑިޒައިނަށް ވަނީ ބަދަލު ގެނެސްފައި. އީއައިއޭގެ މަސައްކަތްތަކަކީ ވަރަށް ބަލައިގެން ކުރަންޖެހޭ މަަސައްކަތްތަކެއް. ބަނދަރުތައް ހަދާއިރު ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ބަލައިގެން އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް މަސައްކަތްތައް ކުރަން މިޖެހެނީ." އާދަމް އާޒިމް ވިދާޅުވިއެވެ.

މާޅޮހު ކައުންސިލްގެ ރައީސް އިސްމާޢީލް ނަޞީރު ވިދާޅުވީ އެރަށުގެ ބަނދަރަކީ އެސަރަޙައްދުގައި މަސްވެރިކަން ކުރާ ގިނަ އޮޑިދޯނިފަހަރުވެސް ގާތްކުރާ ބަނދަރެއްކަމަށެވެ. އަދި އައު ބަނދަރާއެކު ރަށުގެ ރައްޔިތުންގެ އިތުރަށް އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ރަނގަޅު ޚިދުމަތެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ނަޞީރު ވިދާޅުވީ އެރަށުގެ 12 އަހަރުވީ ދިގު ތާރީޚުގައިވެސް ރަށުގެ ރައްިތުންގެ އެންމެބޮޑު އެދުމަކަށް ވެފައިވަނީ ރައްޔިތުން ބޭނުނުވާ ގޮތަށް ބަނދަރެއް އޮތުންކަމަށެވެ. އަދި އަދުގެ ސަރުކާރުން އެމަސައްކަތް ކުރަނީ ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިންކަން އޭނާ ފާހަގަކުރެއްވިއެވެ.

"މާޅޮހޮ ބަނދަރަކީ މީގެ 12ވަރަކަށް އަހަރު ކުރިން ބަސްތާ ޖަހައިގެން ރާއްޖެގެ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ތަރައްޤީ ކޮށްފައިވާ ބަނދަރެއް. އޭރު ބަނދަރު ހެދިއިރުވެސް ނުނިމި އޮތް ބަނދަރެއް މިއީ." މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24,335 އަކަމީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރވެޓްމެންޓް ޖެހުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައ ބޭރުތޮށ ލުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ. ޖުމުލަ 56.97 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި ބަނދަރުގައި، 1970 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ނިންމާފައެވެ.