ރިކަވަރީ ޕްލޭންތަކާއި ޕްރޮގްރާމްތައް ތަރައްގީއާއި މޫސުމީ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަން ޖެހޭކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވީ 8 ވަނަ ވޯލްޑް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކޯވިޑް-19 އިން އަރައިގަތުމުގެ ދިގު ރާސްތާގެ ފެށުން މުޅި ދުނިޔެއިން ވެސް ފަށާފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ވެސް ކުރިމަތިލަމުންކަމަށެވެ. މިނިސްޓަރ ވަނީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ޤައުމުތަކަށް މި ބަލިމަޑުކަން ވެގެން ދިޔައީ ވަރަށް ބޮޑު ހީނަރުކަމަކަށްކަން ފާހަގަކުރައްވާފައެވެ.
ވެކްސިންގެ ދިނުމުގައި އުނދަގޫތަކެއް ހުރުމާއިއެކު މި ބަލިމަޑުކަން އިތުރަށް ދިގުލައި، ދަރަންޏާއި އެހެނިހެން ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ޚާއްޞަ ޙާލަތްތަކުގައި އޮތް ގައުމުތަކުގެ މެދުގައި ކުރިއެރުންތައް ހިފެހެއްޓިފައި އޮތުމުގެ ސަބަބުން، ރިކަވަރީގެ މަސައްކަތް ޙަޤީޤަތުގައި ފެށުމުގެ ކުރިންވެސް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތްކަމަށެވެ.
"މި ފޯރަމްގައި ޙައްލުކުރަންޖެހޭ ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ހުރި ހުރަސްތައް އެންމެ ފުރިހަމަގޮތުގައި ނައްތާލައި، ދެމެހެއްޓެނިވި ގޮތެއްގައި މި ހީނަރުކަމުން އަރައިގަނެވޭނެގޮތް މަގުފަހިކޮށްދޭނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް އެކަށީގެންވާ ޙައްލުތަކެއް ހޯދައިދީ އަދި އެކަންކަން ހުށަހަޅަންޖެހޭ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ އަތުގައި ހުރީ ހަމައެކަނި ރިވެތި ބަސްތަކެއް އަދި ހެޔޮ ނިޔަތްތަކެއް. ހޯދާ ކޮންމެ ޙައްލެއްގައި އަޅުގަނޑުމެން އެންމެން ހިމަނަންޖެހޭނެ؛ މައުނަވީ ގޮތެއްގައި މި މަސައްކަތް ގެންދެވޭނެ މަގަކީ އެއީ." އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
8 ވަނަ ވޯލްޑް އިންވެސްޓްމަންޓް ފޯރަމްގައި ފާހަގަކޮށްފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލާ ޝާހިދު ވިދާޅުވީ އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ އިންވެސްޓްމަންޓް މޮބިލައިޒް ކުރުމަކީ ގޮންޖެހުމެއްކަމަށެވެ. 2030 ގެ އެޖެންޑާއާއި ޕެރިސް އެގްރީމަންޓަކީ، އެންމެން ޝާމިލުވާ، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢުތަކެއް ޙާޞިލުކުރުމަށް އެކުލަވާލާފައިވާ ބްލޫޕްރިންޓްތަކެއްކަން ފާހަގަކޮށް ޝާހިދު ވަނީ މިހާރު އޮތް ގޮންޖެހުމަކީ އެކަންކަން ތަންފީޒު ކުރުންކަން ފާހަގަކުރައްވާފައެވެ. އަދި ރިކަވަރީ ޕްލޭންތަކާއި ޕްރޮގްރާމްތައް ތަރައްގީއާއި މޫސުމީ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަން އަޅުގަނޑުމެން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދެވަނަ ގޮންޖެހުމަކީ "ރީޖަނަލިޒަމް އަދި ޕްރޮޓެކްޝަނަލިޒަމްގެ ތެރޭގައި ދުނިޔޭގެ އިންވެސްޓްމަންޓް ގަވަރނަންސް އަލުން ތަރުތީބު ކުރުން". މިތަނުގައި ޕްރައިވެޓް ސެކްޓަރ ވަރަށް މުހިއްމު ދައުރެއް އަދާކުރޭ. ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދީ، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، ތިމާވެށީގެ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މާލީ ޤަވާޢިދުތަކަށް ފާރަވެރިވެ، އިނޮވޭޝަނާއި ކުރިއެރުމުގެ އިންޖީނެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރ ޕާޓްނަރުންނަށް ވަޒީފާގެ ބާޒާރާއި އާއްމު ދިރިއުޅުން ކުރިއެރުވޭނެ." އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޕެންޑެމިކްގެ ފަހުން އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ގްލޯބަލް ސްޓިމިއުލަސް ޕެކޭޖްތަކުގެ ސަބަބުން، ރައްޔިތުންގެ ފައިސާއިން 3.5 ޓްރިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރެވުނުކަން ޝާހިދު ފާހަހަކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ހަމައެކަނި ދިހަބައިކުޅަ އެއްބައި ކަނޑައަޅާފައި އޮތް ނަމަވެސް، ޕްރައިވެޓް ސެކްޓަރަށް މި ފަންޑުތަކުގެ ބޭނުން ހިފައި، އޭގެއިން ފައިދާކުރުވަނި ނަތީޖާ ދިހަ ގުނައަށް އިތުރުކުރެވިދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މިއާއެކު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓްގެ ތިންބައިކުޅަ އެއްބައި ލިބޭނެކަމަށެވެ.
ވޯލްޑް އިންވެސްޓްމަންޓް ފޯރަމަކީ މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަން އިތުރުކޮށް، އިންވެސްޓްމަންޓް ތައް އަލުން ދިރުވައި، އިންވެސްޓްމަންޓްތައް އަލުން ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ދެނެގަނެ، އެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ. މިއަހަރުގެ މި ފޯރަމްގެ ޝިއާރައަކީ "ދެމެހެއްޓެނިވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް އިންވެސްޓްކުރުން" މިއެވެ.