ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ފަށާފައިވާ މަޝްރޫޢޫތައް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ.ރަސްދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދައުލަތައް ބޭނުންވާ ފައިސާ، ލޯނު ނަގައިގެން ނަމަވެސް ހޯދައި ރައްޔިުތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑިދިނުމަށް މަސައްކަތް ކުރައްވާފައި ވާކަމަށެވެ.
ރައީސް ވިދާޅުވީ ކޯވިޑުން އަރައިގަތުމުގެ ފަހުގެ މަރުހަލާގައި ރާއްޖެއިން މަސައްކަތްކުރަމުން ގެންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު 2023ވަނަ އަހަރާހަމައަށްދާއިރު، 2019ވަނަ އަހަރު އޮތް ހާލަތައް ގެންދެވޭނެކަމަށެވެ.
މިއާއެކު މިހާރު މަސައްކަތްކުރަމުންދަނީ ސަރުކާރުން ވެވަޑައިގެންނެެވި ވަޢުދުތަކުގެ %90 މަސައްކަތް ފުއްދުމުގެ އެކި މަރުހަލާތަކުގައި ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އަމާޒަކީ މިހާރު ފަށާފައިވާ ކަންކަން އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލުމަށްކަމަށެވެ.
"ސަރުކާރުން ވަޢުދުވިގޮތަށް މަޝްރޫޢޫތައް މިހާރު ފަށައިގެން އެކި މަރުޙަލާތަކުގައި އެދަނީ ކުރިއަށް. އަޅުގަނޑުމެން މިބަލަނީ އަންނަ އަހަރު މިފަދައިން ފެށިފައިވާ މަޝްރޫޢުތައް އެއްކޮށް ނިންމާލަން" ރައީސް ވިދާޅުވިއެވެ.
ރަސްދޫ ރައްޔިތުންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރަސްދުއަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫއުތައްވެސް ކޯވިޑުގެ ސަބަބުން ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ރަސްދޫގެ އައު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަަށްގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްދޫގެ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް 2022ވަނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫޢޫ ހިމަނަން ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސްވަނީ ރަސްދޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔާކާ ހަވާލުކުރުމުގެ މަރުހަލާގައި މިހާރުއޮތްކަން ހާމަކުރައްވާފައެވެ.
އަދި ރަސްދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން، ވަގުތީގޮތުންނަމަވެސް ކުރެވެން އޮތްކަމަކީ ފްލެޓް އެޅުންކަމަށް ވުމުން އެމަސައްކަތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ރަސްދުއާ ކައިރި ހިސާބުން ފަޅެއް ނުވަތަ ފަޅުރަށެއް ހޯދައިގެން މީހުން އާބާދުކުރުމުގެ މަސައްކަތް ކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.
އަދި ރަސްދޫކައިރި އޮންނަ ފިނޮޅުގެ މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރައްވަން ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ،