ޚަބަރު

ގޮއިދޫ ނަރުދަމާ ނިޒާމުގެ މައިހޮޅި ވަޅުލުމުގެ މަސައްކަތް ނިމިއްޖެ


ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެތެރެއިން އެރަށުގައި ޤާއިމުކުރާ ނަރުދަމާ ވިއުގައިގެ މައިހޮޅި ވަޅުލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރަމުންދާ އެމްޑަބްލިއުއެސްސީން ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެތެރެއިން ނަރުދަމާ ނިޒާމަށް އެރަށުގައި ވަޅުލަންޖެހޭ މައިހޮޅި އިއްޔެ ވަޅުލައި ނިމިފައިވާކަމަށެވެ. އެގޮތުން 17 ގެއަކަށް ޓެސްޓް ކަނެކްޝަން ގުޅައިދީފައިވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ފެނުގެ މަސްރޫއަށް ބޭނުންވާ ބައެއް ސާމާނު ނުލިބި މަހެއްހާދުވަސް މަޑު ކުރަން ޖެހުނުނަމަވެސް މިހާރު އެތަކެތި ލިބި އެމަސައްކަތްވެސް ކުރިއަށްދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެދަށުން މިހާރު ކުރަމުންދަނީ މަގުމަތީގައި ހަދާ ޖަންޝަންތައް ހެދުމުގެ މަސައްކަތާއި ފެނުގެ ވިއުގައިގެ މަސައްކަތާއި އާރުއޯބިލްޑިންގްގައި ކުރަންޖެހޭ ބައެއްމަސައްކަތްތަކެވެ.

މައިހޮޅި ވަޅުލުމުގެ މަސައްކަތް މިއަހަރުގެ މެދެއްހައި ހިސާބުގައި ނިންމާލުމަށް ކުރިން ކަނޑައެޅިނަމަވެސް އެކަންނުވީ ރާއްޖެއިންބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ލިބުމުގައި ލަސްތަކެއް ދިމާވުމުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިރަށުގައި މި މަޝްރޫޢުގެ ދަށުން 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައާއި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރާނެއެވެ. މިމަޝްރޫޢުގެ ދަށުން ގޭބިސީތަކާއި ސަރުކާރު އޮފީސްތަކާއި ގެސްޓްހައުސްތައް ހިމެނޭގޮތައް 153 ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސައްކަތް ކުރިއަށްދާއިރު އިތުރު ކަނެކްޝަންތަކެއް ގުޅަން ޖެހިއްޖެނަމަ އެކަންވެސް ކޮށްދެއްވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މި މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 46 މިލިއަން ރުފިޔާއަށް 2019ވަނަ އަހަރުއެވެ.

އަށް ސަތޭކައެއްހައި މީހުންގެ އާބާދީއެއް އޮންނަ މި ރަށަކީ ބ.އަތޮޅުގައި އޮތް އެންމެ ބޮޑުރަށެވެ. އެހެންނަމަވެސް ދަނޑުވެރިކަމަށް ފެންބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ބައެއް ދުވަސްވަރުތަކުގައި ފެނުން ނުބައިވަސް ދުވުމުގެ ޝަކުވާ ލިބޭކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. ފެނުގެ ނިޒާމެއް ޤާއިމުވުމާއެކު މިފަދަ މައްސަލަތައް ޙައްލުވެގެން ދާނެއެވެ.