ހުޅުމާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް އަޅައިދިނުމަށް އެދި 3000 ބެލެނިވެރިންގެ ސޮޔާއެކު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.
މި ޕެޓިޝަނާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ވަނީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނިވެރިންނާއި ބައްދަލުކުރައްވާފައެވެ،
އެޑިއުކޭޝަން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި އަރަބި މީޑިއަމަށް "ޢަރަބިއްޔާ ސްކޫލް"ގައި ކިޔަވާ ގިނަ ދަރިވަރުންތަކެއް ހުޅުމާލޭގައި ދިރިއުޅެމުން އަންނަކަމަށާއި، އަދި ގިނަ އާއިލާތަކެއް މިހާރުވެސް ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރަމުން އަންނަކަން ބެލެނިވެރިން ފާހަގަކުރިއެވެ. މީގެއިތުރުން ޢަރަބި އިސްލާމީ މީޑިއަމަށް ތަޢުލީމު އުނގަންނައިދިނުމަށް ޝަޢުގުވެރިވާ ގިނަ އަދަދެއްގެ ބެލެނިވެރިން ހުޅުމާލޭގައި ތިބިކަންވެސް ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ހުށައެޅުން އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީއަށްވެސް ހުށައަޅާނެކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނިވެރިން ބުންޏެވެ.
މިނިސްޓަރ @aisthly ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުން. pic.twitter.com/Ksn52YgIfP
— Ministry of Education (@MoEdumv) October 19, 2021
މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމަށްފަހު، ހުޅުމާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހިންގަދޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ހުޅުމާލޭގައި އަރަބި އިސްލާމީ ސްކޫލެއް އެޅުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީގައި ހިމެނޭ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިކަމަށް އެފަރާތްތަކުން ބުނެއެވެ. ނަމަވެސް ބަޖެޓު ހުރިގޮތުން ހުޅުމާލޭގައި މިވަގުތު އަޅަމުންދަނީ އިނގިރޭސި މީޑިއަމްގެ ޕަބްލިކް 2 ސްކޫލެވެ.
ޢަރަބިއްޔާ ސްކޫލަކީ ދެތިން މާއްދާއެއް ފިޔަވައި ހުރިހާ މާއްދާއެއް ޢަރަބި ބަހުން ކިޔަވައިދޭ ސްކޫލެކެވެ. އަދި ވަކި މާއްދާތަކުގެ ގޮތުގައި ތައުޙީދާއި، ފިޤްހާއި، ތަފްސީރާއި، ޙަދީޘް ފަދަ މާއްދާތައް ކިޔަވައިދޭ ސްކޫލެކެވެ. އަދި ދެޖިންސަށް ވަކި ކްލާސްރޫމްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިއްބައިދޭ ސްކޫލެކެވެ.