ޚަބަރު

އިންފުލުއެންޒާ ވަރަށް ބޮޑަށް ފެތުރިދާނެ، ސަމާލުވޭ!


އިންފްލުއެންޒާ ފެތުރުމުގެ ފުރުޞަތު ބޮޑުވެފައިވާތީ އެކަމަށް ސާމަލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވަނީ އިންފްލުއެންޒާ ފެތުރެމުންދާ މިންވަރުގެ ތަފާސް ހިސާބުތައް ޙިއްސާކޮށްފައެވެ.

މި ދުވަސްވަރު ރާއްޖޭގައި އެކި ބަވަތުގެ ވައިރަލް ހުމާއި ރޯގާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެތެރެއިން ނޭވާލާ ނިޒާމަށްޖެހޭ ރޯގާ، އިންފްލުއެންޒާ ފެންނަ މިންވަރުވެސް މިމަހު ވަނީ އިތުރުވާން ފަށާފައެވެ. އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ.އަފްޒަލް ވިދާޅުވީ މިމަހު އެކަނިވެސް 800އަށްވުރެ ގިނަ މީހުން ބައްޔަށް ޓެސްޓުކޮށްފައިވާކަމަށެވެ. މީގެތެރެއިން 331 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިއީ ބައްޔަށް ޓެސްޓުކުރި މީހުންގެ %41އެވެ. މިދިޔަމަހު އިނފްލުއެންޒާގެ 172 ކޭސް ފެނުނެވެ.

އިންފްލުއެންޒާއަށް ޝައްކު ކުރެވިގެން، މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭ 5އަތޮޅަކުން ސާމްޕަލް ޓެސްޓުކޮށްފަވެއެވެ. މީގެތެރެއިން ކ.އަތޮޅުން 2 ކޭސް، އދ.އަތޮޅުން 1 ކޭސް އަދި ގދ.އަތޮޅުން 1 ކޭސް ވަނީ ފެނިފައެވެ.

އިންފްލުއެންޒާގެ ގިނަ ކޭސްތައް ފެނިފައިވަނީ މާލެއާއި ހުޅުމާލެއިންނެވެ. އެގޮތުން ހުޅުމާލެއިން 31 ޕޮޒިޓިވް ކޭސްއާއި މާލެއިން 457 ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ.

އިންފްލުއެންޒާއާ، އަރިދަފުސް ރޯގާއާ ގުޅިގެން ސަމާލްކަން ދޭންވީ ކަންކަން:

- އަރިދަފުސް ރޯގާ ހުރިނަމަ ވީހާވެސް އަވަހަށް ކޯވިޑަށް ޓެސްޓުކުރުން
- އަލާމާތްތައް ހުރިނަމަ، އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކްތަކަށް ދެއްކުން
- އާއްމު ތަންތަނުގައި މާސްކުއެޅުމާ، ގައިދުރުކަން އިސްކުރުން
- ރޯގާގެ އަލާމާތްތައް ހުރިނަމަ، އޮފީސް، ސްކޫލް ނުވަތަ މިފަދަ އާއްމު ތަންތަނަށް ނުގޮސް ގޭގަ މަޑުކުރުން
- ބަލީގަ ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން، އިންފްލުއެންޒާ ވެކްސިންޖެހުން އަދި ކޯވިޑް ދިފާޢު ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުން
- ޑޮކްޓަރަށް ދައްކަން ދާއިރު ވީހާވެސް މަދު މީހުން ދިއުމާއި، ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުން

ޑރ.އަފްޒަލް ވިދާޅުވީ މިމަހު ބަލިތައް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަމަށެވެ. ޚާއްސަކޮށް އިންފްލުއެންޒާ ފެތުރޭ މިންވަރު އިރުތުވަމުން އަންނާތީ އެކަމަށް ސާމާލްވުމަށް ޑޮކްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި ބަލި ޖެހޭ މިންވަރު އިތުރުވަމުންދާތީ، މިއީ ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި ޑރ.އަފްޒަލް ސިފަކުރެއްވިއެވެ.

"ކޯވިޑަށް ނަގާ ސާމްޕަލްތަކުން ބައެއް ސާމްޕަލްތައްވެސް އިންފްލުއެންޒާއަށް އެބަ ޓެސްޓުކުރަން. މިއީވެސް ފުއްޕާމެއަށް ޖެހޭ ރޯގާގެ ބާވަތެއް. އެހެންވީމާ ކޯވިޑަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންމިޖެހެނީ. މާސްކުއެޅުން ހުއްޓާނުލާ، ރައްކާޓެރިކަމާއެކު ކުރިއަށްގެންދިއުން ވަރަށް މުހިންމު. އެހެން ނޫންނަމަ ބަލި ވަރަށް ބޮޑަށް ފެތުރިދާނެ" ޑރ.އަފްޒަލް ވިދާޅުވިއެވެ.

އިފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. ދެން އިންފްލުއެންޒާ އެންމެ ގިނައީ 6 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާގައެވެ.