ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރަށް އެމެރިކާ ސަފީރު ތައުރީފްކުރައްވައިފި


ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ތަސައްވަރަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތައުރީފްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހިންގުންތެރިކަމަށް ތައުރީފްކުރައްވައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް ވާހަކަފުޅުދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އަރިހަށް މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ހެޔޮވެރިކަން ކުރިއަށްގެންދިއުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އިޖްތިމާޢީ-އިޤްތިޞާދީ ގޮތުން ކުރިއަށްދިއުމަށާއި އަދި ކައުންޓަރ ޓެރެރިޒަމް ކުރިއަށްގެންދިއުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭކަމަށްޓަކައި އެމެރިކާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ސާލިހުގެ ވާޙަކަފުޅުގައި އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ރާއްޖެއިން ދެކޭކަމަށް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރަށް ތަޢުރީފުކުރެއްވެވިއެވެ. އެގޮތުން ރާއްޖެއިން ބައިނަލްއަޤްވާމީ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ކުރާކަން އެމެރިކާ ސަފީރު ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތައްކުޑަކުރުމަށް ހިންގޭކަންކަމަށް ޚަރަދުކުރުމަށް ގޮވާލާ ރާއްޖެއިން ކުރާ މަސައްކަތް އެކަމަނާ ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު، އެކަމަނާ ވަނީ ރާއްޖެއާއެކު ޚިޔާލު އެއްގޮތް ކަންކަމުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާއި އަދި ކައުންޓަރ ޓެރެރިޒަމްގެ ދާއިރާ އިން މަސައްކަތްކުރަން ބޭނުންފުޅުވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އެމެރިކާ ސަރުކާރުގެ ގުޅުން ބަދަހިކުރުމަށް އެލެއިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ދުވަސްވަރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަމަނާއަށް ކާމިޔާބު މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ދާއިރާތަކުން ގުޅުން ޤާއިމްވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، އެމެރިކާގެ ސަރުކާރުން ރާއްޖެއާއެކު ގުޅުން ޤާއިމުކުރުމަށް އެހީތެރިކަމާއި، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.