ޚަބަރު

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ދޫވާ މައްސަލަ މަޖިލީހަށް


މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ދޫވާތީ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ. މިމައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ފުރައިގެންދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާތީއާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މިންވަރު އިތުރުވެ، މަސްތުވާ ތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާކަމީވެސް ކަންބޮޑުވާ ކަމެއްކަމަށް މިމައްސަލައިގައި ބުނެފައިވެއެވެ.

މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާ ތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެ، ޒުވާން ޖީލުތައް ހަލާކުވެ، އިޖުތިމާޢީ މައްސަލަތައް ގިނަވެ، މުޖްތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ އިރު، ރާއްޖޭގައި މަސްތުވާ ތަކެތި އެތެރެކޮށް ވިއްކަމުންދަނީ، މުޅި ދައުލަތް ބައިވެރިވެގެން ހިންގާ "ސްޓޭޓް ސްޕޮންސރަޑް" ވިޔަފާރިއެއްގެގޮތުގައި ކަމަށް ބެލެވޭ މިންވަރަށް ކަންކަން ގޮސްފައިވާކަމަށްވެސް މިމައްސަލާގައި ބުނެފައިވެއެވެ.