ޚަބަރު

ފެންހޮޅިއެއްގެ މަސައްކަތެއްކުރަން ހެންވޭރުގެ ބަޔަކުން ފެން ކަނޑާލަނީ


ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި އަލަށް އަޅާ ފެންހޮޅި ގުޅުވާލުމަށްޓަކައި މިރޭ އެ ސަރަޙައްދުން ފެން ކަނޑާލުމަށް ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި މިހާރު އަޅާ ފެންހޮޅީ ގުޅުވާލުމަށްޓަކައި މިރޭ 11:00 އިން ފަތިހު 5:00 އަށް ސަދުބަރަކަ ގޯޅީއާއި ފިލިގަސްމަގާ ދެމެދު ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގެތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނެކަމަށެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ ދަށުން ހެންވޭރު އުތުރުގެ މަގުތައް ހެދުމުގެ މަސައްކަތް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށާފައެވެ.

މި މަސައްކަތުގެ ދަށުން ހެންވޭރު އުތުރުގެ 13 މަގެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ. މި މަގުތަކުން ޖުމްލަ 1.97 ކިލޯމީޓަރު ހަދާނެއެވެ. މި މަޝްރޫޢަށް ޖުމުލަ 70.1 މިލިއަން ރުފިޔާ ޚަރަދުވެއެވެ.