ދުނިޔޭގެ ވިޔަފާރި

އުދުހޭ ޓެކްސީތައް 2024 ވަނަ އަހަރު ތައާރަފްކުރަން މަސައްކަތްކުރަނީ


ކުރިއަށް އޮތް 3 އަހަރު ދުވަހު ތެރޭގައި އުދުހޭ ޓެކްސީ ތަޢާރަފުވުމުގެ ފުރުސަތު ބޮޑުކަމަށް، މިފަދަ އުޅަނދު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތެރިވާ އެމެރިކާގެ ކުންފުންޏަކުން ބުނެފިއެވެ.

އެލެކްޓްރޯނިކް ވާޓިކަލް ޓޭކް އޯފް އެންޑް ލޭންޑިންގެ (އީވީޓޮލް) އަކީ ޓެކްސީއެއް ފަދައިން އިންސާނުން އުފުލާ ފަދަ އެލެކްޓްރޯނިކް އުޅަނދުތަކެވެ. މިއީ ހެލިކޮޕްޓަރަކަށް ވުރެ ކުޑަ ޑްރޯންއާއި އެއް ޒާތަކަށް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އުޅަނދެކެވެ. މި އުޅަނދު އުފެއްދުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ކުންފުނިތަކުން މަސައްކަތް ކުރަމުންދާއިރު އަދި މިހާތަނަށް އާންމު ބޭނުމަށް މިއުޅަނދު އުދުއްސުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

އެމެރިކާގެ ޖޮބީ އެވިއޭޝަން ކުންފުނިން ބުނާ ގޮތުގައި، އެކުންފުނީގެ އީވިޓޮލް އުޅަނދު މިހާރު 1000 އަށް ވުރެ ގިނަ ދަތުރު ޓެސްޓު މަރުހަލާގައި އަޅައިފިއެވެ. އަދި މިވަގުތު އެމެރިކާގެ އުދުހުމުގެ ކަންކަމާއި ގުޅޭ އިދާރާއާއެކު މި އުޅަނދުތައް ބޭނުން ކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެކުންފުނިން ޤަބޫލުކުރާ ގޮތުގައި، 2024 ވަނަ އަހަރުގެ ނިޔަލަށް އާންމުން އަރުވައިގެން މިއުޅަނދުތަކަށް ދަތުރުތައް ފެށޭ ވަރުވާނެއެވެ.

ނަމަވެސް މިފަދަ އުޅަނދުތައް އުފެއްދި ކަމުގައިވިއަސް، މިއަށް ބޭނުންވާ އުމްރާނީ ވަސީލަތް ޤާއިމުކުރަން ޖެހޭކަން، ކަމާގުޅޭ ގިނަ މާހިރުން ފާހަގަކުރެއެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ، މިއުޅަނދުތައް ޖައްސާ ނައްޓާލާނެ ކުދި ސްކައި ޕޯޓުތައް ޤާއިމުކުރަން ޖެހުމެވެ. މިއީ އެއަރޕޯޓު ފަދަ ބޮޑެތި ތަންތަނަށް ނުވިއަސް، މި އުޅަނދުތައް ޖައްސައި ނައްޓާލާނެ އެތަކެއް ސަރަހައްދެއް ބަސް ޓާމިނަލްތައް ފަދައިން ޤާއިމު ކުރަން ޖެހޭނެއެވެ. އަދި މިއުޅަނދުތައް އުދުހޭނެ ރޫޓަކާއި ޤަވާއިދުތައްވެސް އެކުލަވާލަން ޖެހެއެވެ.

އިނގިރޭސިވިލާތުގައި ކޮވެންޓްރީގައި މިފަދަ ސްކައި ޕޯޓެއް ޤާއިމުކުރުމަށް އާބަން އެއާޕޯޓު ނަމަކަށް ކިޔާ އިނގިރޭސި ކުންފުންޏަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއަށް އިނގިރޭސި ސަރުކާރުގެ އެއްބާރުލުންވެސް ދަނީ ލިބެމުންނެވެ. އެހެންކަމުން މި ތަން ޤާއިމުވުމަކީ ދުރު މުސްތަޤުބަލެއްގައި އޮތް ކަމެއް ނޫންކަމަށް އެކުންފުނިން ދެކެވެ. އިނގިރޭސި ކުންފުނިން ބުނާ ގޮތުގައި، ކުރިއަށް އޮތް 5 އަހަރު ތެރޭގެ ދުނިޔޭގައި މީގެ 200 އަށް ވުރެ ގިނަ އާބަން އެއާޕޯޓު ހުންނާނެއެވެ.

ނަމަވެސް މިވަގުތަށް އިނގިރޭސި ސިވިލް އެވިއޭޝަން އޮތޯރިޓީންވެސް އެމެރިކާގެ ފެޑެރަލް އެވިއޭޝަން އޮތޯރިޓީންވެސް ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ މި އުޅަނދުތަކާއި ގުޅޭ ޤަވާއިދުތަކެއް އެކުލަވައި މިކަމުގައި އޮތް ހިރާސްތައް ދެނެގަތުމަށެވެ. ބައެއް މާހިރުން ދެކޭ ގޮތުގައި 2040 ވަަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގައި މިފަދަ 430،000 އަށް ވުރެ ގިނަ އުޅަނދު ބޭނުން ކުރާނެއެވެ.