މާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުއްމަތެއް ބިނާވެގެންދިޔައީ، ފަރުދީ އިޞްލާޙީ ފިޔަވަޅުތަކުން، އުފެދުނު އިޖުތިމާޢީ ބަދަހި ގުޅުންތަކެއްގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި، އެންމެހާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް، ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މަތިވެރި ހަނދާންތައް އައުކުރާ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ވިސްނުމަކަށް ހަދަންވީ، އެމަތިވެރި ޒިކުރާއިން އަޅުގަނޑުމެންގެ މިއަދުގެ މުޖްތަމަޢަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުން ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެމާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެން ދިޔައީ، ފަރުދީ އިޞްލާޙީ ފިޔަވަޅުތަކުން، އުފެދުނު އިޖްތިމާޢީ ބަދަހި ގުޅުންތަކެއްގެ ސަބަބުން ކަމަށާއި މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިޞްލާޙީ ފިޔަވަޅުތަކަކަށް ކަމުގައި ވިދާޅުވިއެވެ.
"ކޮންމެ ކަމަކަށް ގޮވައިލެއްވިއިރު، އެކަމެއްގެ އެންމެ ފުރިހަމަގޮތް، އެކަލޭގެފާނު ޢަމަލީގޮތުން، މުޅި އުންމަތަށް ދެއްކެވިއެވެ. އިތުރު އެކަލޭގެފާނަށް ތަބަޢަވުމުގައި، ޞަޙާބީ ބޭކަލުން ހިންގެވި މަގަކީ، އަނެކުންގެ ފަރާތުން ކަންކަން އިޞްލާޙުވުމަށް އިންތިޒާރު ކުރެއްވުމުގެ ބަދަލުގައި، އެ ބޭފުޅެއްގެ އަމިއްލަ ނަފްސު އިޞްލާޙު ކުރެއްވުމެވެ. ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމެވެ. ތިމާގެ ދުލުން އަނެކާގެ އަބުރާ ނުބެހުމެވެ. ތިމާގެ ފުށުން އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމެވެ. ތިމާގެ ހިތުގައި އަނެކާއާމެދު ޙަސަދަވެރިކަމެއް ނުބޭއްވުމެވެ" ރައީސް ވިދާޅުވިއެވެ.
ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ އަޞްލެއްގެ ގޮތުގައި، މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އޮންނަ މިންވަރު ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އިޞްލާޙީ ކޮންމެ ފިޔަވަޅެއް ފެށިގެންދަނީ ތިމާގެ އަމިއްލަ ނަފްސުންކަން، މާތް ނަބިއްޔާ ޢަމަލީ ގޮތުން ސާބިތުކޮށްދެއްވައިފައިވާ ކަމަށާއި ކޮންމެ ކަމަކަށް ގޮވައިލެއްވި ކަމުގައިވިޔަސް، އެކަމެއްގެ އެންމެ ފުރިހަމަ ގޮތް، އެކަލޭގެފާނު ޢަމަލީ ގޮތުން، މުޅި އުންމަތަށް ދެއްކެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމާއި ދުލުން އަނެކާގެ އަބުރާ ނުބެހުމާއި އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމާއި ތިމާގެ ހިތުގައި އަނެކާއާ މެދު ޙަސަދަވެރިކަމެއް ނުބޭއްވުން ފަދަ ރިވެތި ސިފަތައް ޢަމަލުން ދައްކަވާފައިވާ ކަމުގައި އެ މަނިކުފާނުގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.