ކުޅިވަރު

މެންޗެސްޓަރ ސިޓީ މޮޅުވެ ލީގުގެ ތިންވަނަ ދަމަހައްޓައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ބަރންލީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗްގައި ބަރންލީން ވަރަށް ރަނގަޅަށް ޑިފެންޑް ކުރި ނަމަވެސް މެޗްގެ ވަރަށް ކުރީކޮޅު ސިޓީއިން ވަނީ ލަނޑެއް ޖަހައި މެޗްގައި ހަމަޖެހިލާފައެވެ. މިގޮތުން މިލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހައިދިނީ ބަރނާޑޯ ސިލްވަރއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ކެވިން ޑި ބްރުއިނަރއެވެ. މިމެޗްގެ ބޮޑުބައިގައި ސިޓީ މެޗް ކޮންޓްރޯލް ކުރި ނަމަވެސް ބަރންލީއިން ވެސްވަނީ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާ ކޮށް އެޓީމް ހާސް ކޮށްފައެވެ. ނަމަވެސް މިމެޗާއެކު މިއީ ބަރންލީ މެޗަކުން މޮޅުނުވެ ނިންމާލި 11 ވަނަ މެޗެވެ. މިއީ އިނގިރޭސި ފުރަތަމަ ހަތަރު ޑިވިޜަނަށް ބެލިކަމުގައިވީ ނަމަވެސް ރިކޯޑެކެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ އަށް މެޗުން 17 ޕޮއިންޓާއެކު ތާވްލްގެ ތިންވަނައިގައެވެ. އެއީ ޗެލްސީ އާއި ލިވަޕޫލްގެ ފަހަތުންނެވެ.