ވިޔަފާރި

އެމްއައިބީގެ ޚާއްސަގޮތުންކުރާ ޢާންމު ޖަލްސާ މިމަހުގެ 28ގައި


މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޙާއްސަގޮތުން ކުރާ ޢާންމު ޖަލްސާ މިމަހުގެ 28ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މިޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޙިއްސާދާރުންނަށް ހުޅުވާލާފައިވާކަމަށެވެ. މިޖަލްސާ އޮންނާނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.

މި ޖަލްސާގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ އެ ބޭންކުގެ ހިންގާ ޤަވާޢިދަށް ބައެއް ބަދަލުތައް ގެނައުމާއި ބޯޑަށް 2 ޑިރެކްޓަރުން ޢައްޔަންކުރުމެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މިމަހުގެ 13ވަނަ ދުވަހުގެކުރިން ޙިއްސާދާރުންގެ ގޮތުގައި އެ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހައި ފަރާތަކަށް މިޖަލްސާގައި ރަޖިސްޓްރީކުރެވޭނެކަމަށެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އިންޕިނިޓީ ޕޯޓަލް ނުވަތަ އެ ބޭންކަށް މެއިލްކޮށްގެންވެސް ރަޖިސްޓްރީކުރެވޭނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މިދުޔަ މެއި މަހުގައެވެ. މި ޖަލްސާގައި ވަނީ އެ ބޭންކުގެ 2020ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 1 ރުފިޔާ 20 ލާރި ބަހަން ހިއްސާދާރުންގެ ވޯޓުން ފާސްކޮށްފައެވެ.