ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ތަށި 8ވަނަ ފަހަރަށް އިންޑިއާއަށް


ނޭޕާލް ބަލިކޮށް އިންޑިޔާއިން ސާފް ޗެންޕިއަންޝިޕްގެ ތަށި 8ވަނަ ފަހަރަށް އުފުލާލައިފިއެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިޔާއިން އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ ފައިނަލް މެޗްގައި ނޭޕާލް 3 ލަނޑު 0 ލަންޑުން ބަލިކޮށްގެންނެވެ. މިއީ ނޭޕާލުން މި މުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރުއެވެ.

ފައިނަލް މެޗަށް ނިކުތްއިރު، ދެ ޓީމުގެ ހެޑް ކޯޗުންވަނީ ބެންޗުގައި ނުތިބެވޭގޮތަށް ސަސްޕެންޑްކޮށްފައެވެ. އެންމެ ފަހުން އިންޑިޔާއިން ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުގައި އިންޑިޔާގެ ކޯޗު އީގޯ ސްޓިމަކަށް ވަނީ ރަތް ކާޑް ދައްކާފައެވެ. ނޭޕާލްގެ ކޯޗު މުތައިރީއަށް ބެންޗުގައި ނީނދެވުނީ ދެ ރިނޑޫ ކާޑު ދެއްކުމާއި ގުޅިގެންނެވެ. އެހެންކަމުން އިންޑިޔާ އަދި ނޭޕާލުންވެސް ފައިނަލް މެޗަށް ނުކުމެފައިވަނީ ދެ ޓީމުގެ އެސިސްޓެންޓް ކޯޗުން ބެންޗުގައި ބައިތިއްބައިގެންނެވެ.

ފައިނަލް މެޗްގައި ދެ ޓީމުންވެސް މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު އިންޑިޔާއިން އުފެއްދި ހަމަލާ ނޭޕާލްގެ ކީޕަރު ކިރަން ކުމާރު ވަނީ ދިފާއުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ކުޅުނީ ބޯ ވިއްސާރައިގައެވެ. މެޗްގެ ފުރަތަމަ ހާފްގައި އިންޑިޔާއިން އުފެއްދި ގިނަ ހަމަލާތައް ނޭޕާލްގެ ކީޕަރު ދިފާއުކުރިއިރު، ނޭޕާލްފެ ޑިފެންޑަރުންވެސް ދިޔައީ އިންޑިޔާއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ހުއްޓުވަމުންނެވެ. މެޗުގެ 26ވަނަ މިނެޓުގައި އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ ގޯލާއި ދިމާލަށް ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ދިފާޢުކޮށްފައިވަނީ ނޭޕާލްގެ ކީޕަރެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސުނިލް ޗެތުރީއަށް ގޯލެއް ޖަހަން ވަރަށް ހުސް ފުރުސަތެއް ލިބި، ވަނީ ބޭކާރުވެފައެވެ.

މެޗްގެ ދެވަނަ ހާފްގައި އިންޑިޔާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ވަރަށް ގާތްގާތުގައި ދެ ގޯލް ޖަހައި މެޗްގައި ލީޑް ނަގާފައެވެ. މެޗްގެ ފުރަތަމަ ލަނޑު 49ވަނަ މިނެޓްގައި ޗެތުރީ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު އިންޑިޔާއަށް ކާމިޔާބުކޮށްދިނީ ސުރޭޝް ސިންގްއެވެ.

އިންޑިޔާއިން ގާތްގާތުގައި ދެ ލަނޑު ޖެހުމާއި ގުޅިގެން ނޭޕާލުން ވެސް ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނޭޕާލަށް އިންޑިޔާގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މެޗުގެ 77ވަނަ މިނެޓްގައި ނޭޕާލްގެ ރޯހިތު ޗާންދް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ނޭޕާލުން ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދަނިކޮށް އިންޑިޔާއަށް ލިބިފައިވާ ލީޑް އިތުރަށް ފުޅާކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޝަހާލް އަބްދުއްސަމަދެވެ.

އިންޑިއާއިން މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރީ މެޗަކުން ބަލިނުވެއެވެ. ފުރަތަމަ ދެ މެޗުން ބަންގްލަދޭޝް އާއި ލަންކާއާ އެއްވަރުވި ނަމަވެސް އިންޑިޔާއިން ވަނީ ލީގް ބުރުގެ ފަހު ދެ މެޗް ކާމިޔާބުކޮށްފައެވެ. އެއީ ނޭޕާލް 1 ލަނޑު 0 ލަނޑު އަދި ރާއްޖެ 3 ލަނޑު 1 ލަނޑުންނެވެ.

އިންޑިޔާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 1993، 1997، 1999، 2005، 2009، 2011، 2015 އަދި 2021ގައެވެ. ރާއްޖެއިން ދެ ފަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވާއިރު، 2008ވަނަ އަހަރާއި 2018ވަނަ އަހަރުވެސް ރާއްޖެއިން މިތަށި ކާމިޔާބުކޮށްފައިވަނީ އިންޑިޔާ ބަލިކޮށްގެންނެވެ.