ޚަބަރު

އަފްޣާނިސްތާނުގެ މިސްކިތަކަށް ދިން ޙަމަލާގެ ޒިންމާ އުފުލީ އައިއެސް ޖަމާޢަތުން


އަފްޣާނިސްތާނުގެ ކަންދަހާރުގައި ހުންނަ ޝިޢީންގެ މިސްކިތަކަށް ދިން ބޮމުގެ ޙަމަލާތަކުގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ ބާރު އެންމެ ވަރުގަދަ އެއް ސަރަޙައްދުކަމަށްވާ ކަންދަހާރުގައި ހުންނަ ޝިއީންގެ އެންމެ ބޮޑު މިސްކިތްކަމަށްވާ ބީބީ ފާޠިމާ މިސްކިތަށް ދިން ބޮމުގެ ޙަމަލާތަކުގައި 47 މީހުން މަރުވެ 70 މީހުންވަނީ ޒަޚަމުވެފައެވެ. އެއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އައިއެސް ޖަމާޢަތުން ޝިއީންގެ މިސްކިތަކަށް ދިން ދެވަނަ ޙަމަލާއެވެ.

ޠާލިބާނުންގެ ބާރުގަދަ ސަރަޙައްދަކަށް ބޮމުގެ ޙަމަލާތަކެއް ދިނުމުން އަފްޣާނިސްތާނުގައި އެ ޖަމާޢަތަށް އޮތް ނުރައްކާތެރިކަން ވަރަށް ބޮޑަށް ދޭހަވާކަމަށް ސަލާމަތީ ތަޖުރިބާކާރުންވަނީ ބުނެފައެވެ. އަދި ކައިރިކައިރީގައި އައިއެސް ޖަމާޢަތުން ޙަމަލާތަކެއް ދޭން ފެށުމުން އަފްޣާނިސްތާނުގެ އަމަންއަމާންކަން ބެލެހެއްޓުމަށް ޠާލިބާނުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޠާލިބާނުން ބުނެފައިވަނީ ޢާއްމުންނާ ދެކޮޅަށް ނުރައްކާތެރި ޙަމަލާތައް ދެމުންދާ ފަރާތްތައް ހޯދައި އިންޞާފުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ބައިމަދު ނަޞްލުތަކަށް ނިޞްބަތްވާ މީހުންނަށް ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށްވަނީ ވަޢުދުވެފައެވެ.