އެގްރޯ ނެޓްގެ ފަރާތުން ކަނޑޫދޫ ސްކޫލްގައި ތަރައްޤީކޮށްފައިވާ ސްކޫލް ގާޑްނިން ޕްރޮގްރާމަކީ ރާއްޖޭގެ ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދާނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
އެގްރޯ ނެޓުން ތ.ކަނޑޫދޫގައި ތަރައްޤީކުރި ސްކޫލް ގާޑެން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކޮންމެ ޤައުމެއްގެ ވެސް ކުރިމަގު އަދި ތަރައްޤީ ފެށިގެން އަންނަނީ އެތަނެއްގެ ސްކޫލްތަކުން ކަމަށެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ދަސްކޮށްދެވޭ ކޮންމެކަމަކީ އޭގެ މަންފާ މުސްތަގުބަލުގައި ފެންނާނެކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ތ.ކަނޑޫދޫ ސްކޫލްގައި ތަރައްޤީކުރި އެގްރޯ ސްކޫލް ފާމްގެ ސަބަބުން ކުދިންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެދޭނެކަމަށެވެ. އަދި މީގެ ސަބަބުން ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ގަހުން ފައިދާ ހޯދުމަށް އޮށް ވަޅުލާ އުސޫލުން ޤައުމުގެ ތަރައްޤީގެ އޮށް އިންދަނީ ސްކޫލްތަކުގައި. އެހެންކަމުން އެގްރޯ ނެޓްގެ ސްކޫލް ފާމް މޮޑެލް ފާމްއަކީ ދަނޑުވެރިކަން ކުރިއަރުވާ މިދާއިރާ ތަރައްޤީކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް." މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެގްރޯ ނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ ސްކޫލް ގާޑްނިންގެ ތެރެއިން ކުދިންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމަކީ އެގްރޯ ނެޓްގެ އެއް އަމާޒުކަމަށެވެ. އެހެންކަމުން ތ.ކަނޑޫދޫގައި ކުރިއަށް މިގެންދާ ސްކޫލް ފާމިިން ޕްރޮގްރާމް އެހެން ސްކޫލްތަކަށްވެސް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ހާރޫން ވިދާޅުވިއެވެ.
"ދަނޑުވެރިކަން ކުރިއަރާނީ ސްކޫލް މާޙައުލުން ފެށިގެން ކުދިންނަށް ދަނޑުވެރިކަމާއި ބެހޭ މަޢުލޫމާތު ދެވި އެކަމަށް ކުދިންގެ ހިތް ޖެއްސިގެން. އެހެންކަމުން އަލަށް މިފެށި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ސްކޫލްތަކަށްވެސް ފުޅާކުރުމަށްވަނީ ނިންމާފައި." ހާރޫން ވިދާޅުވިއެވެ.
އެގްރޯ ސްކޫލް ގާޑްނިންގ ޕްރޮގްރާމަކީ ދަނޑުވެރިކަން ކުރާނެ ގޮތް ކުދިންނަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ކުދިންނަށް ތަމްރީން ދީ އެކުދިންނަކީ ސްކޫލް ނިންމާ މުޖުތަމަޢަށް ނިކުންނައިރު ދަނޑުވެރިކަމަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަކީ މިޕްރޮގްރާމްގެ އަމާޒުކަމަށް އެގްރޯ ކުންފުނިން ވިދާޅުވެއެވެ. އަދި މިތަންތަން އެކުންފުނިން މޮނީޓަރކޮށް ބަލަހައްޓާނެކަމަށާއި ސްކޫލްގައި ހައްދާ ބާވަތްތައް އެގްރޯ ނެޓަށް ގަންނާނެކަމަށްވެސް އެކުންފުނިންގ ވިދާޅުވެއެވެ. ކަނޑޫދޫ ސްކޫލްގައި ހުޅުވި ސްކޫލް ފާމިންގގައި އުފައްދަނީ ލެޓިއުސްއާއި ލޭޑިސް ފިންގާއާއި ބެސިލްއާއި މިންޓާއި ކޮޕީފަތުގެ އިތުރުން ޒުވާރިކަމަށް އެގްރޯ ކޯޕަރޭޝަނުން ވިދާޅުވެއެވެ.