ރަހީމް ސްޓަރލިންއަށް ކުޅެން ލިބޭ ވަގުތު އިތުރު ކޮށްދެވޭނެކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިމިވަނީ ކުޅެން ލިބޭ ވަގުތު އިތުރު ނުވާކަމަށްވާނަމަ ބޭރުގެ ލީގަކަށް ބަދަލުވުމާމެދު ވިސްނަފާނެކަމަށް ސްޓަރލިންގ ހާމަކޮށްފައިވަނިކޮށެވެ.
ގާޑިއޯލާ ބުނީ އޭނާއަށް އެޔަގީންކަން ނުދެވޭނެކަމަށާއި ސްޓަރލިންގ ޖެހޭނީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ފުރަތަމަ އެގާރައިގެ ޖާގައަކަށް ވާދަކުރަން ކަމަށެވެ. ގާޑިއޯލާ ބުނީ ސްޓަރލިންގ އަކީ އޭނާގެ ޓީމްގެ ކުޅުންތެރިއެއް ކަމަށާއި އަދި ކުރިއަށް އޮތް ތާނގައި ވެސް އޭނާ ވާނީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިއަކަށް ކަމަށެވެ. އަދި ބައެއް ކުޅުންތެރިން އަބަދު ކުޅެން ބޭނުންވި ނަމަވެސް އޭނާއަށް އެކަން އެގޮތަށް ކޮށްދެވެން ނޯންނަކަމަށް ގާޑިއޯލާ ބުންޏެވެ. އަދި ހުރިހާ ކުޅުންތެރިންވެސް ޖެހޭނީ ދަނޑުމަތީ އެކުޅުންތެރިންގެ ފެންވަރު ދައްކަން ކަމަށާއި އެއީ ހަމައެކަނި ސްޓަރލިންގ ނޫން ކަމަށެވެ. އަދި އޭނާ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ބޭނުންވަނީ އެކުޅުންތެރިން އުފަލުގައި ތިބުން ކަމަށެވެ.
މީގެއިތުރުން ފެރާން ޓޯރޭޒް ކުރިއަށް އޮތް ތިން މަހަށް ކުޅުމާއި ދުރުގައި ހުންނަނަށް ޖެހޭކަމަށްވެސް ގާޑިއޯލާ ބުންޏެވެ. އޭނާ ހާމަކުރިގޮތުގައި ޓޯރޭޒްގެ ފައިތިލައިގެ ކަށިކޮޅެއް ބިނދިފައިވާކަމަށެވެ. ބައެއް ފަރާތްތަކުން ބުނީ ޓޯރޭޒްއަށް މިއަނިޔާ ލިބިފައިވަނީ ނޭޝަންސް ލީގުގައި އިޓަލީ އާއި ސްޕެއިން ބައްދަލުކުރި މެޗްގައި ކަމަށާއި ނަމަވެސް މިއަނިޔާ އާއެކުވެސް އޭނާ ފްރާންސް މެޗްގައި ކުޅުވީކަމަށެވެ. ނަމަވެސް ޕެޕް ވަނީ ޤައުމީ ޓީމަށް ކުޅުނުއިރު ކުޅުންތެރިން ގެންގުޅެފައިވާ ގޮތާމެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަނިޔާ އަކީ ކުލަބަށް ކުޅެނިކޮށް ނުވަތަ ޤައުމީ ޓީމަށް ކުޅެނިކޮށް ނޫނީ ގޭގައިވެސް ލިބިދާނެ އެއްޗެއް ކަމަށެވެ. އަދި ސްޕެއިންގެ ކޯޗް އޭނާ ވަރަށް ގާތުން ދަންނަ ކަމަށާއި ލުއިސް އެންރީކޭ ބޭނުންވާނީ ފެރާން ޓޯރޭޒަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އޭނާ ޓޯރޭޒަށް އަނިޔާ ވާކަށް ބޭނުމެއް ނުވާނެކަމަށެވެ. ސިޓީ މިރޭ ބަރންލީ އާއި ދެކޮޅަށް ކުޅޭއިރު ޓޯރޭޒްގެ އިތުރު އެޑަރސަން އާއި ގެބްރިއެލް ޖޭސުސްއަށް ނުކުޅެވޭނެއެވެ. މިދެ ކުޅުންތެރިންވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބްރެޒިލް އާއި އުރުގުއާއި ބައްދަލުކުރިމެޗްގައި ކުޅެފައެވެ.