ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލަރޓް


މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، އަނެއްކާވެސް މުޅި ރާއްޖެއަށް ރީނދޫ އެލަރޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން އެލަރޓް ނެރެފަވަނީ ހަވީރު 16:30އާ ހަމައަށެވެ.

މުޅި ދުވަހުވެސް އާއްމުކޮށް 25މޭލާއި 30މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 50މޭލަށް ވައިދަވާނެކަމަށްވެސްވަނީ ލަފާކޮށްފައެވެ.

އާދަޔާ ޚިލާފަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުންނެވެ. ވައިގަދަވުމުގެ ސަބަބުން، އާއްމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގެ ކަނޑުތައްވެސް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4ފޫޓާ 7ފޫޓާ ދެމެދުގައެވެ.

ކުރިއަށްއޮތް 24ގަޑިއިރުގެ މޫސުމަށް ބަލާއިރު، ވައިގަދަވުމާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވަނީ ލަފާކޮށްފައެވެ. ބޮޑަށް ވިއްސާރަވާނެކަމަށް ލަފާކުރެވެނީ މާލެއިން އުތުރުގެ އަތޮޅުތަކަށެވެ.

ވައިގަދަވުމުގެ ސަބަބުން އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑުތައް ގަދަވާނެތީ ކަނޑުމައްޗަށް ނިކުންނައިރު މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމާއި، ސަލާމަތީ ވަސީލަތްތައް އުޅަނދުތަކުގައި ހަމަކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވެ ނުރައްކަލެއްވެދާނެހެން ހުރި ތަކެއްޗާ މުދާ ގެއްލުން ނުވާނެހެން ރައްކާތެރިކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ.