ކުޅިވަރު

މެލޭޝިޔާގަަައި ކުޅޭ މެޗުތަކުން މުހިންމީ މޮވުމެއް ނޫން - ކޯޗް


މެލޭޝިޔާގައި ކުޅޭ މެޗުތަކުން ބޭނުންވަނީ މޮޅުވާކަށް ނޫންކަމަށާއި، މުހިންމީ ޓީމެއްގެ ގޮތުގައި ރަނގަޅަށް ކުޅުންކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާރބާޓް ބުނެފިއެވެ. ސާފް ސުޒުކީ ކަޕަށް މެލޭޝިޔާގައި ކުރިއަށް މި ގެންދާ ތަމްރީންތަކުގައި ކުޅޭ އެކުވެރިކަމުގެ ދެވަނަ ބުރުގެ މެޗުގެ ކުރިން ކޯޗް ރިކީ ހާރބާޓް ބުނީ، މިވަގުތު ޓީމަށް މުހިންމީ ތަމްރީންތަކުގައި އޭނާ ކިޔާދީފައި ހުރި އެއްޗެެއް މި މެޗުތަކުގައި ކުޅުންތެރިން ބޭނުންކުރުންކަމަށެވެ. މެޗުގެ ނަތީޖާ މުހިންމެއް ނޫންކަމަށާއި، ނަތީޖާ ނެރެންޖެހޭ ފުރަތަމަ މެޗަކީ މި މަހުގެ ސައުވީހުގައި ބޫޓާންއާއި ދެކޮޅަށް ކުޅޭ މެޗްކަމަށެވެ. މެލޭޝިޔާއަށް މިއައީ ރަނގަޅު މެޗުތަކެއް ކުޅެ ރަނގަޅު ތަމްރީންތަކެއް ހެދުމަށްކަމަށާއި، މި ކޮޅުގައި ކުޅޭ މެޗުތަކުން ބަލިވިޔަސް އެކަމާ މާބޮޑަށް ނުވިސްނާކަމަށް ކޯޗް ހާރބާޓް ބުންޏެވެ."މެޗުތަކުން މޮޅުވާކަށްނޫން އަހަރުން މިއައީ، މިއައީ ތަމްރީން ހަދަން، އެހެންވީމާ އަހަރެންގެ ވިސްނުމަކީ ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތުދިނުން" ކޯޗް ހާރބާޓް ބުންޏެވެ.ކޯޗް ބުނީ ތަމްރީން ކޭމްޕަށް ނަވާވީސް ކުުޅުންތެރިން ގެނައީ ހުރިހާ ކުޅުންތެރިނަށްވެސް އެކުގައި ތަމްރީން ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން، މެޗުތަކުގެ ތަޖުރިބާދިނުން ކަމަށެވެ. އަދި ސާފް ސުޒުކީ ކަޕަށް ދާއިރު ޓީމް އޮންނާނީ އޭނާ ހިތްހަމަ ޖެހޭ ފެންވަރުގައިކަމަށް ކޯޗް ހާރބާޓް ބުންޏެވެ. މެލޭޝިޔާގައި އެކުވެރިކަމުގެ ދެވަނަ މެޗްގައި ރާއްޖެ މެލޭޝިއާގެ އެއާ އޭޝިއާ ޓީމާއި ދެކޮޅަށް ކުޅެ ވަނީ ކާމިޔާބުކޮށްފައެވެ. އެއާ އޭޝީއާ ޓީމަކީ އިނގިރޭސި ޕްރިމިއަރ ލީގްގެ ދެވަނަ ޑިވިޝަންގައި ވާދަކުރާ ކިއުޕީއާރްގެ ވެރިން ގަނެފައިވާ ޓީމެކެވެ. އަދި ވަރުގަދަ ސްކޮޑަކާއިއެކު މެލޭޝިއާ ލީގުގައި ވާދަކުރުމަށް މިހާރު އެޓީމް އަންނަނީ ތައްޔާރުވަމުންނެވެ.